ވިޔަފާރި

ބޭރުގެ އިންވެސްޓަރުންނަށް އިންޑިއާއިން އައު ފުރުސަތުތަކެއް ހުޅުވާލައިފި


އިންޑިއާގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަށް އެގައުމުގައި ވިޔަފާރިކުރެވޭ ދާއިރާތަކުގެ ލިސްޓަށް އިތުރު ވިޔަފާރިތަކެއް އިތުރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް އިންޑިއާއިން ހުޅުވާލީ އެގައުމުގައި މެނުފެކްޗަރިން ވިޔަފާރިއާއި، ކޯލް މައިނިންގ އަދި ޑިޖިޓަލް މީޑިއާގެ ދާއިރާގައި ވިޔަފާރިކުރުމަށެވެ. މީގެ އިތުރުން ސިންގަލް ބްރޭންޑުތައް ރީޓެއިލްކުރާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށް އެ ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

އެގައުމުގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރ، ޕިޔުޝް ގޮޔާލް ބުނަނީ ބޭރުގެ ވިޔަފާރިވެރިންނަށް އެގައުމުގައި އެފަދަ ވިޔަފާރި ކުރުމަށް ހުޅުވާލުމަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެގައުމުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފް.ޑީ.އައި) ޕޮލިސީއަށް ގެނައި ބަދަލާއެކު އިންވެސްޓަރުންގެ މެދުގައި އިންޑިއާއަކީ މަޤްބޫލު މަންޒިލަކަށްވެ، ގައުމުގައި ވަޒީފާގެ ފުރުޞަތު ތައް އިތުރުވެގެންދާނެކަމަށް އިންޑިއާގެ ކޮމާސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ގައުމަށް ވަންނަ ފައިސާ އިތުރުވެ އިޤްތިޞާދީ ގޮތުން އިންޑިއާއަށް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އިންޑިއާއިން މިފަދަ ބަދަލުތަކެއް އެގައުމުގެ އެފް.ޑީ.އައި ޕޮލިސީއަށް ގެނެސްފައި މިވަނީ އެގައުމުގެ އިޤްތިޞާދު ނާޒުކު ފައްތަރަކަށް ވެއްޓިފައި ވަނިކޮށެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެގައުމުގެ އިޤްތިޞާދީ ދުވެލި މިދިޔަ ފަސް އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 5.8 އިންސައްތަ ވަނީ ދަށްވެފައެވެ.

އެޤައުމުގެ އިޤްތިޞާދީ ދުވެލި ދަށްވެފައިވަނީ ވިޔަފާރި އިންވެސްޓްމަންޓްތަކާއި، ތަކެތި ގަތުމަށް އެގައުމުގެ ރައްޔިތުން ކުރާ ޚަރަދު މަދުވުމާ ގުޅިގެންނެވެ. މީގެ އިތުރުން އެގައުމުން އުފައްދާ ބައެއް ތަކެތި އުފެއްދުން މަދުވުމާއި ކާރާއި ސައިކަލު ފަދަ ތަކެއްޗަށް ޑިމާންޑު ދަށްވެފައިވުމުންވެސް އެގައުމުގެ އިޤްތިޞާދަށް އަސަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.