ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓް އޮފީސް ހުޅުވުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށްޓަވައިފިއެވެ.
އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދަވައި، އެތަނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ، ސަޢޫދީގައި ހުންނަ ދިވެހި އެމްބަސީގެ ދަށުން ހިންގާ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މިކޮންސިއުލޭޓް ޖިއްދާގައި ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިހާރު ފަށްޓަވާފައިވާކަމަށް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ބެލުމުގެދަށުން ޖިއްދާގައި ހުޅުވާ ކޮންސިއުލޭޓަކީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަދި މަދީނާއަށް ޒިޔާރަތްކުރާ ދިވެހިރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޙިދުމަތެއް ދިނުމުގެ މަޤްޞަދުގައި ހުޅުވާ ކޮންސިއުލޭޓެކެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ހައްޖު މޫސުމުގައި ޙައްޖާޖީންނަށް ޙިދުމަތްދިނުމަށް، ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ޖިއްދާގައި ވަގުތީ ޙައްޖު މިޝަނެއް ޤާއިމުކުރަމުން ގެންދިޔަކަމުގައިވީނަމަވެސް، ޖިއްދާގެ ކޮންސިއުލޭޓް އޮފީހުގެ މަސައްކަތް ނިމުމުން އެ ކޮންސިއުލޭޓް މެދުވެރިކޮށް ހައްޖާއި އުމްރާގެ އަޅުކަންއަދާކުރާ ދިވެހި ރައްޔިތުންނަށް ދާއިމީކޮށް ޚިދުމަތްދެވޭނެއެވެ.
މީގެ އިތުރުން ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުންވެސް މި ކޮންސިއުލޭޓް އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ޖިއްދާގައި ކޮންސިއުލޭޓުގެ ޙިދުމަތް ފަށާނެ ތާރީޚެއް ފަހުގެ ތާރީޚެއްގައި އިޢުލާން ކުރާނެ ކަމަށް ފޮރިންމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.