ޚަބަރު

ނެޝަނަލް ޗެސް އާކޭޑް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވުމުގެ ގޮތުން، ރައީސް ޞާލިޙް ފުރަތަމަ ބޯޑުގެ ކުޅުން ފަށްޓަވައިދެއްވިއެވެ. ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް ޗެސް އާކޭޑަކީ ޗެސް ކުޅުމަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސަވައިދެއްވި ހޯލެކެވެ. މީގެ ކުރިން ރާއްޖޭގައި ޗެސް ކުޅުމަށް މިފަދަ ޚާއްޞަތަނެއް ނުހުންނަ ކަމަށާއި މިފަދަ ތަނެއް ހުޅުވިގެން ދިއުމަކީ ޗެސް ކުޅޭ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ނެޝަނަލް ޗެސް އާކޭޑް ރަސްމީކޮށް ހުޅުވުމަށްފަހު، އެތަނުގައި ބާއްވާ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ ނެޝެނަލް ޗެސް ޗެމްޕިއަންޝިޕެވެ. މި މަހުގެ 29ން އަންނަ ސެޕްޓެމްބަރ މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ އޯޕަން ކެޓަގަރީގައި 44 ބައިވެރިން ވާދަކުރާއިރު، އަންހެން ކެޓަގަރީގައި 14 ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ޤައުމީ ޗެސް ޓީމުން ފުރުސަތު ލިބޭނެކަމަށް ޗެސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.