ޚަބަރު

ލިމްކޮކްވިންގ ޔުނިވަރސިޓީން ރާއްޖޭގެ 10 ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިއްޖެ


މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީން ރާއްޖޭގެ 10 ދަރުވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިއްޖެއެވެ.

މި ފުރުސަތު ރާއްޖެއަށް ލިބިފައިވަނީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ލިމްކޮކްވިންގް ޔުނިވާސިޓީގެ ދަޢުވަތަކަށް އެޔުނިވާސިޓީގެ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.

މިބައްދަލުކުރެއްވުމުގައި ލިމްކޮކްވިންގް ޔުނިވާސިޓީގެ ރައީސް "ޓޭން ސްރީ ޑާތޯ ސްރީ ޕަޑުކާ ޑޮކްޓަރ ލިމް ކޮކް ވިންގގެ" ފަރާތުން، ރާއްޖޭގެ 10 ދަރިވަރުންނަށް އެޔުނިވާސިޓީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެއްވާފައެވެ.

ލިމްކޮކްވިންގ ޔުނިވާސިޓީ ހިންގެވުމުގައި އިސްދައުރެއް އަދާކުރައްވާ ފަރާތްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސަރުކާރުން ތަޢުލީމު އަދި ޤާބިލް ޒުވާނުން އުފެއްދުމަށްޓަކައި ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވިއެވެ.

ލިމްކޮކްވިންގް ޔުނިވާސިޓީއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، ޔުނިވާސިޓީގެ ދަރިވަރުންގެ ފަރާތުން މެލޭޝިޔާގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ކުލަގަދަ ޙަރަކާތްތަކަކާއެކު ވަރަށް ހޫނު މަރުޙަބާއެއް އަރުވާފައިވެއެވެ. އަދ މިދަރިވަރުންގެ ޚާއްޞަ ޕްރޮޖެކްޓްތަކާއި، ޔުނިވާސިޓީގެ ހޯލް އޮފް ފޭމް ވެސް މިނިސްޓަރ ބައްލަވާލައްވާފައިވެއެވެ.

މިގެ އިތުރުން ޔުނިވަރސިޓީގެ ކުރީގެ ދަރިވަރެއްގެ ހައިސިއްޔަތުން މިނިސްޓަރ ޢަލީ ވަހީދަށްވަނީ އެމަނިކުފާނު މިއަދާހަމައަށް ޙާސިލްކުރައްވާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ޔުނިވާސިޓީގެ ފަރާތުން "ގްލޯބަލް އިންސްޕިރޭޝަނަލް ލީޑަރޝިޕް"ގެ ޚާއްޞަ އެވޯޑެއް ވެސް ލިބިވަޑައިގެންފައެވެ.

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ އެއް ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީގެ ކެންޕަސްތައް މެލޭޝީއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވެއެވެ. އެގޮތުން އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ޤައުމުތަކުގައި އެ ޔުނިވަރސިޓީގެ 13 ކެމްޕަސް ހުރެއެވެ.