ސިޔާސީ

ޘަޤާފީ ތަރިކައިގެ ބިލު ފާސްކޮށްފި


ރާއްޖޭގެ ޘަޤާފަތާއި ތަރިކައަށް ގެއްލުންދޭ ފަރާތްތައް ކުށްވެރިވާގޮތަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށައެޅުއްވި މިބިލް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލަކީ ކޮންމެ ރަށެއްގައި ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރުތައް ހިމެނޭ ތަންތަން ޙިމާޔަތްކުރުމުގައި ދައުލަތާއި އަމިއްލަ ފަރުދުންގެ ޤާނޫނީ ޒިންމާކަނޑައެޅުމުގެ މަޤްޞަދުގައި ސަރުކާރުން އެކުލަވާލެއްވި ބިލެކެވެ.

އަދި ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކަ ކަމަށް ބެލެވޭނެ ތަކެއްޗާއި، ތަންތަނާއި، ސަރަޙައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާގުޅޭ އުސޫލުތައް މި ބިލްގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލުގައި ވަނީ އާޘާރާއި ތަރިކައާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނެ ގޮތްތަކާއި އެތަކެއްޗަށް ޒިންމާވާނެ ފަރާތްތަކާއި އާޘަރީ އެއްޗެއް އަލަށް ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތްތައް ތަފްސީލްކޮށް ބަޔާންކޮށްފައެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގެ ޘަޤާފީ ތަރިކައަކަށް ގެއްލުން ދީފިނަމަ އެ އެއްޗެއްގެ އަގަށް ބަލައި އެމީހަކު އެއްލައްކަ ރުފިޔާ އާއި އެއްމިލިއަން ރުފިޔާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ނުވަތަ ފަސް އަހަރާއި ވިހި އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ޘަޤާފީ ތަރިކައިގެ ބިލްގައި ހިމަނާފައިވާ ކަންކަމާއި ގުޅޭ އުސޫލުތައް ކަނޑައަޅުމުގެ މައްސޫލިއްޔަތު މިބިލުން މަތިކޮށްފައިވަނީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށެވެ.