ޚަބަރު

ދެބަފައިންގެ ފިލްމީ ކެރިއަރ ލޯބީގެ ފިލްމަކުން ފެށުން އިއްތިފާގެއްތަ؟


1983 ވަނަ އަހަރު ބޮލީވުޑަށް ލޯ ހުޅުވާލި "ސަނީ ޑިއޯލް" އޭނާގެ ފިލްމީ ކެރިއަރފެށީ ވަރަށްވެސް ލޯބިންނެވެ.
"ސަނީ ޑިއޯލް" އަކީ ބޮލީވުޑްގައި ގުނާލެވޭ މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރެކެވެ. ލޯބީގެ ރޮމޭންޓިކް ފިލްމުތަކުގެ އިތުރުން އެކްޝަން ފިލްމު ތަކުންވެސް ބެލުންތެރިން ވަނީ "ސަނީ ޑިއޯލް" ބަލައިގަންފައެވެ. އަދި ޤައުމީ ފެންވަރުގައި އެތަކެއް އެވޯޑް ތަކެއްވެސް ހޯދާފައި ވެއެވެ.

ލޯބީގެ ރޮމޭންޓިކް ފިލްމެއްކަމަށްވާ "ބެތާބުން" ތަޢާރަފްވި ސަނީ ޑިއޯލްގެ ފިލްމީ ހަޔާތުގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް އޭނާ ގެނެސްދީފައިވާއިރު، ފިލްމީ ދުނިޔެއާއި ދުރަށްޖެހިލައި، ސަނީގެ މިޞްރާބު މިހާރު ހުރީ އިންޑިއާގެ ސިޔާސީ ދާއިރާއާ ދިމާ އެށެވެ.

ބޮލީވުޑް ސްކްރީނުން ސަނީ ނުފެނުނެއްކަމަކު އޭނާ މިހާރު އަންނަނީ އޭނާގެ ދަރިފުޅު މި ދާއިރާއަށް ނެރުމަށް ތައްޔާރުވަމުންނެވެ. ސަނީގެ ދަރިފުޅު ކަރަން ޑިއޯލް، 28، ފިލްމީ ދާއިރާއަށް ތަޢާރަފުވަނީ "ޕަލްޕަލް ދިލް ކޭ ޕާސް" މި ފިލްމުންނެވެ. ލޯބީގެ އަސަރުގަދަ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީވެސް ސަނީ ޑިއޯލްއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަމުން ސަނީ އޭނާގެ ދަރިފުޅު ސިފަކޮށްފައިވަނީ ކަންކަމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ މީހެއްގެ ގޮތުގައެވެ. އަދި ސަނީވެސް މިދާއިރާއަށް ނިކުތީ މެންޓަލީ ފިޓް ވެގެން ކަމަށާއި އޭނާގެ ދަރިފުޅުވެސް މިކަންކަން ފޮލޯ ކުރާނެކަމަށެވެ. "ކަރަން ޑިއޯލް" އާމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި، އޭނާގެ ކިބައިގައި ހުރި ކޮންފިޑެންސާއެކު މި ދާއިރާއިން އޭނާ ކުރިއަރުވަން ބޭނުންވާކަމަށްވެސް ސަނީ ވަނީ ބުނެފައެވެ. އަދި ބެލުންތެރިން އޭނާގެ ދަރިފުޅު ބަލައިގަތުމަށްވެސް ވަނީ އެދިފައެވެ.

"ޕަލްޕަލް ދިލް ކޭ ޕަސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 20 ވަނަ ދުވަހުއެވެ. މި ފިލްމުގެ އޮފިޝަލް ޓްރެއިލަރ މިހާރު އާއްމުކޮށްފައިވާއިރު، މި ފިލްމާމެދު ބޮޑެތި އުއްމީދުތަކެއް ކުރާކަމަށް ސަނީ ބުނެއެވެ. ކަރަން ޑިއޯލާއެކު މި ފިލްމުގައި އަންހެން ބަޠަލާ އެއްގެ ރޯލުންވެސް ފެނިގެންދާނީ މި ދާއިރާއަށް އައު މޫނެއްކަމަށްވާ ވާޝަހީރު ބަންބާއެވެ.

"ޕަލްޕަލް ދިލް ކޭ ޕާސް " މި ފިލްމަކީ ލޯބީގެ ރޮމޭންޓިކް ފިލްމަކަށްވާއިރު "ކަރަން ޑިއޯލް" ވެސް އޭނާގެ ފިލްމީ ކެރިއަރ ފަށަނީ އޭނާގެ ބައްޕައެކޭ އެއްފަދައިން ލޯބީގެ ފިލްމަކުންނެވެ. މި ފިލްމުން ސަނީގެ ކިބައިން ފެނުންފަދަ މޮޅު އެކްޓިން އެއް އޭނާގެ ދަރިފުޅުގެ ކިބައިންވެސް ފެނިދާނެތޯ މިއީ މިހާރު ސަނީގެ ފޭނުންވެސް އެނގެން ބޭނުންވާނެކަމެކެވެ.