ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފޮނުއްވި 4 ނަމަށް އާއްމުންގެ ޚިޔާލު ހޯދަނީ


އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 4 ނަމާމެދު އާއްމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މަޖިލީހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ މަޤާމަށް އައްޔަނު ކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ ނަންތަކާ ގުޅޭ ގޮތުން އާއްމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުލާން ކޮށްފައިވާކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އާންމުންގެ ޙިޔާލަށް ހުޅުވާލާފައިވާ މިނަންތަކާމެދު ދެކޭގޮތެއް އީމެއިލް މެދުރިކޮށްވެސް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުންވެސް ހުށަހެޅިދާނެކަމަށް އެއިދާރާއިން ބުނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ރައީސް ފޮނުއްވާފައިވާ ނަންތަކަކީ ފިޔާޒު މޫސާ އާއި، އަހްމަދު ފަޔާޒް ހަސަން އާއި، އަހްމަދު އާހިދު ރަޝީދާއި، ފާތިމަތު ސައުސަންއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ޢަބްދުލް ޢަޒީޒްޖަމާލު އަބޫބަކުރުގެ މަޤާމުގެ މުއްދަތު މިދިޔަމަހުގެ 16 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށްޓަކައި މަޢުލޫމާތުހޯދައި ލިބިގަތުމުގެ ޙައްޤު ނަގަހައްޓައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުޅުވާލެވިފައިވާ ގޮތެއްގައި ހިންގުމަށް ބާރުއެޅުމަށްޓަކައި އުފައްދަވައިފައިވާ މިނިވަން މުއައްސަސާއެކެވެ.