ޚަބަރު

އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވެއްޖެ


އަންނަ ސެޕްޓެމްބަރު މަހުގެ 15ން 23އަށް އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ޓީމް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.

ޓޭބަލް ޓެނިސަކީ މިދިޔަ މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއިން ބައިވެރިވި ކުޅިވަރުތަކުގެ ތެރެއިން އެންމެ ގިނަ ރަން މެޑަލް ހޯދި ކުޅިވަރެއެވެ.

އަންނަ މަހު އިންޑޮނޭޝިއާގައި އޮންނަ ޓީޓީ މުބާރާތުގައި ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހަތަރު ކުޅުންތެރިއަކު ހިމެނޭނެކަމަށާއި އޭގެ ތެރޭގައި އައިއޯއައިޖީގައި ޓީޓީ ޓީމާއެކު ބައިވެރިވި ދީމާއާއި ރަފާގެ އިތުރުން ޖުމާނާ ހިމެނޭނެކަމަށް ޓީޓީ އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖެއިން ބައިވެރިވާ ޓީމުގައި ދެން ހިމެނެނީ ލައިޝާ ފަތުހުﷲއެވެ. އައިއޯއައިޖީގައި ބައިވެރިވި ރާއްޖޭގެ ތަޖުރިބާކާރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދުވަނީ އެ މުބާރާތަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.