ޚަބަރު

ކުޑަކުދިންގެ އަދުލުގެ ބިލުގައި ކަނޑައަޅާފައިވާ އުމުރާމެދު މެމްބަރުންގެ ކަންބޮޑުވުންތަކެއް


ކުޑަކުދިންގެ އަދުލުގެ ބިލުގައި ކުޑަކުދިންގެ އުމުރުކަމަށް ކަނޑައަޅާފައިވާ އުމުރާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މިބިލަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުޑަކުދިންނާއި، ބޮޑެތި މީހުންނާ މެދެދު ވަކި ޤާނޫނެއް އޮތުން މުހިންމުކަމަށްދެކި ހުށަހެޅިފައިވާ ޤާނޫނެއްކަމަށެވެ. މި ޤާނޫނުގެ އެންމެމުހިންމު ބޭނުމަކީ ޖިނާއީ ދައުވާ ކުޑަކުދިންނާއިމެދު އުފުލުމުގެ ބަދަލުގައި ޑައިވާޝަން ނިޒާމެއްގެ ދަށުން ކަންކަން ކުރުންކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މިހާރު ޕީނަލް ކޯޑުގެ ދަށުން ކުޑަކުދިންނަށް ދެމުންދާ ހަރުކަށި އަދަބުތައް ކުޑަކޮށް ރިހެބިލިޓޭޝަންއާއި، އެނޫންވެސް އިސްލާހީ ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މި ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ޙާއްސަ ފަރުވާދޭނެ ތަމްރީން ލިބިފައިވާ ފަރާތްތަކާއިއެކު މަރުކަޒެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ކުޑަކުދިންނަށް ޙާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަކީ މުހިންމު ކަމެއްކަމުގައިވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް ކުނޑަކުދިންގެ އުމުރުކަމުގައި މިބިލުގައި ކަނަޑައަޅާފައިވާ އުމުރާއިމެދު ވިސްނާލަންޖެހޭކަމަށް ގިނަ މެމްބަރުން ފާހަނގަކުރެއްވިއެވެ. ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުހުސިން ހަމީދު ވިދާޅުވީ ފެންނަންހުރި ތަފާސް ހިސާބުތަކުން އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދު ކުށްތަކަށް އަރައިގަންނަ ކުދިންގެ ނިސްބަތް އިތުރުކަމަށާއި، އަދި އެއުމުރުގައި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ ނިސްބަތްވެސް އިތުރުކަމަށެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ކުޑަކުދިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި، ކުށްތައް އިތުރުވާންޖެހޭ އަސްލު މައްސަލަ މިބިލް ދިރާސާ ކުރަައްވާ އިރު ދެނެގަންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީވެސް ކުނޑަކުދިންނަށް ޖިނާއީ ދައުވާ ނުކުރުން ކަމަށްވާއިރު ކުށްކުރާ ކުދިންނަށް އެ އުމުުރުގައި އެކަށީގެންވާ ފަރުވާއާއި، ތަމްރީނާއި، ތައުލީމްދެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމުގައިވެސް މެމްބަރުން ފާހަގަކުރައްވާފައިވެއެވެ.

މި ޤާނޫނުގެ ދަށުން ކުށްކުރާ ކުދިން އަނބުރާ މުޖްތަމައަށް ގެނައުމަށް ބާރުއަޅައެެވެ. ނަމަވެސް ބިލްގައި ކުޑަކުދިންގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ އުމުރުގެ ނާޖައިޒް ބޭނުންކޮށް ކުޑަކުދިން ޖިނާއީ ކުށްތައްކުރުމަށް މަގުފަހިވެގެންދާނެކަމަށް ބައެއް މެމްބަރުން ދެކެއެވެ.