ޚަބަރު

ފަނޑިޔާރު ޢަބްދުﷲ ދީދީ މަޤާމުން ވަކިކޮށްފި


ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކޮށްފިއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދީދީ ވަކިކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއްނުވެއެވެ. އަދި ދީދީ ވަކިކުރުމާމެދު ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ މަމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާއެކު މިކަން ވެގެން މިދިޔައީ ޖޭއެސްސީން ބަލަމުންއައި މައްސަލައެއް ސާބިތުވެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު މަޤާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓްގައި ބައިވެރިވާ މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ލިބިގެންނެވެ.
ފަޑީޔާރު ޢަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ބެލިލުމުން ފަނޑިޔާރު އެމަޤާމުން ވަކިކުރުމަކީ އެންމެ ރަނގަޅު ގޮތްތަކަމުގައިވަނީ ނިންމަފާއެވެ. އޭނާ މަޤާމުން ވަކިކޮށްފައިވަނީ ފަޑިޔާރަކު ވަކިކުރުމަށް ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށްފަހުއެވެ.

ފަޑިޔާރު ޢަބްދުﷲ ދީދީއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި 2014ވަނަ އަހަރުން ފެށިގެން ސިޔާސީ އެކިފަރާތްތަކަށް ހިންގި ޝަރީޢަތުގައި ވަކިގޮތަކަށް ހުކުމްކުރުމަށް ފަނޑިޔާރުންނަށް ފައިސާ ދިނުމާއި، މިފައިސާދިނުމަށް ފަނޑިޔާރު ދީދީއާއި ޚިޔާނާތުގެ ތުހުމަތުރެވޭ ފަރާތަކާމެދު ކުރެވުނުކަމަށް ބުނާ ފޯނު މުއާމަލާތްތަކެއްވެސް ބަލައި ދިރާސާކޮށްފައިވެއެވެ.

މީގެއިތުރުން 12 ޖުލައި 2017ވަނަ ދުވަހު ފަނޑިޔާރު ޢަބްދުﷲ ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރުން ރާއްޖެއިން ފުރަން އުޅޭކަމަށާ، ޑޮލަރުކޮޅެއް ބޭނުންކަމަށްބުނެ ސަސްޕެކްޓް އެކަކަށް މެސެޖްކޮށްފައިވާކަމަށްވެސް ފުލުހުންކުރި ތަހުގީގުން ހާމަވެފައިވެއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުނު މައްސަލައިގެ ތަހުޤީގަށް ފުލުހުން ހައްޔަރުކުރި އެކަކާގުޅޭ މަޢުލޫމާތު ޚިޔާނާތުގެ ތުހުމަތުކުރެވޭ މީހަކާ ފަނޑިޔާރު ދީދީއާ ދެމެދު ކުރެވުނު މުޢާމަލާތަކަކަށްފަހު އެތަނުން އެކަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ދީދީ އަމުރުކުރެއްވިކަމަށްވެސް ފުލުހުންގެ ތަހުގީގުން ހާމަވެފައިވެއެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމުން އެނިންމުމަށް ޢަމަލުނުކުރުމަށް ސުޕްރީމްކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް އެއަމުރު ބަލައިނުގަތުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދަނިކޮށް އޭނާވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުގެރޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އޭނާގެ ޢާއިލާ ދިރިއުޅުއްވަނީ މެލޭޝިއާގައެވެ.

ޖޭއެސްސީން ބެލި ފަނޑިޔާރު ޢަބްދުﷲ ދީދީގެ، ސުލޫކީ މައްސަލާގައި އޭނާވަނީ އެކޮމިޝަނަށް މީގެކުރިން ޖަވާބުދާރީވެވަޑައިގެންފައެވެ. ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން ބަލާފައިވަނީ އޭނާގެ ސުލޫކީ މައްސަލައެކެވެ.