ކުޅިވަރު

ޒިދާން ރެއާލް މެޑްރިޑް ދޫކޮށްލަނީ؟


ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އެ ކުލަބު ދޫކޮށްލުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފިއެވެ. މީގެ ސަބަބެއްކަމަށް އެ ނޫސްތަކުން ބުނަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ޒިދާނާ ދެމެދު ހިޔާލު ތަފާތުވުން އުފެދުމެވެ.

އެގޮތުން، އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ރެއާލް މެޑްރިޑް އަލުން ބައްޓަންކުރަން ޒިދާން އެންމެ ބޭނުންވާ ކުޅުންތެރިން ގެނައުމަށް ރެއާލް މެޑްރިޑް ނާކާމިޔާބުވުމެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑްގެ ފަރަންސޭސިވިލާތުގެ މިޑްފީލްޑަރ ޕައުލް ޕޮގްބާއާއި ޕީއެސްޖީގެ ފޯވަޑް ނޭމާއެވެ. މި ކުޅުންތެރިންގެ ތެރެއިން ޕޮގްބާ ގެންނާނެކަމަށް ޕެރޭޒްވަނީ ޒިދާނަށް ވަޢުދުވެފައިވާކަމަށް ގިނަ ނޫސްތަކުން ބުނެއެވެ.

ރެއާލް މެޑްރިޑް ދޫކޮށް ޒިދާން ދާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުލަބަކީ ފަރަންސޭސިވިލާތުގެ އެންމެ ވަރުގަދަ ކުލަބުކަމަށްވާ ޕީއެސްޖީއެވެ. އެ ކުލަބުގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާ އެ މަޤާމުގައި ނުބަހައްޓާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.