ޚަބަރު

170 މިލިއަން ޕައުންޑަށް ނޭމާ ވިއްކާލަނީ


170 މިލިއަން ޕައުންޑަށް ނޭމާ ސަންޓޯސް ބާސެލޯނާއަށް ވިއްކާލަން ޕީއެސްޖީން އެއްބަސްވެއްޖެކަމަށް ފްރާންސްގެ އިތުބާރުހުރި މީޑިޔާތަކުން ބުނެފިއެވެ.

ދިގުލައިދިޔަ މަޝްވްރާތަކަށްފަހު މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ފޯވަޑް ވިއްކާލަން އެ ކުލަބުން ނިންމީ ކުޅުންތެރިޔާ އެނބުރި ބާސެލޯނާއަށް ދާން ގަދަދައްކަން ފެށުމުންނެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން އޭނާ މިހާތަނަށް މި ސީޒަނުގައި އަދި އެއްވެސް މެޗެއް ނުކުޅެއެވެ.

ނޭމާ ވިއްކާލުމަށްފަހު، ޕީއެސްޖީން ހޯދަން ބޭނުންވާ ކުންތެރިއަކީ ޔުވެންޓަސްގެ ފޯވަޑް ޕައުލޯ ދިބާލާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން، ބާސެލޯނާއިންވަނީ މާދަމާ ނުނީ ހުކުރު ދުވަހު ނޭމާ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމުގެ މަސައްކަތް ފަށާފައިކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެްއެވެ.

ނޭމާ ގަތުމަށް ބާސެލޯނާއިން 170 މިލިއަން ޕައުންޑް އެއްފަހަރާ ދައްކަންޖެހެއެވެ. އެއީ މި އަހަރު 40 މިލިއަން އަދި ބާކީ ފައިސާ ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ދައްކަން ހުށަހެޅި ހުށަހެޅުން ޕީއެސްޖީން ބަލައިނުގަތުމުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ނޭމާ ގަތުމަށް ބާސެލޯނާއިން މިހާ ބޮޑަށް މަސައްކަތް ކުރަމުންދަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. ބާސެލޯނާއަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރެވުނީ 2015ވަނަ އަހަރުއެވެ.