ޚަބަރު

ރާއްޖެއާއި ދެކޮޅަށް ޒުވާން ކުޅުންތެރިން ކުޅުވާނަން: ލިއްޕީ


ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދޭން ވިސްނާކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

2006ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީއަށް ހޯދައިދިން ކޯޗު ބުނީ މި މަހުގެ 30ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅޭނެކަމަށާއި އެއަށްފަހު އަންނަ މަހުގެ 2 ނޫނީ 3ގައި ސްކޮޑް ފައިނަލް ކުރާނެކަމަށެވެ. ލިއްޕީވަނީ ސްޕޭނުގެ އެސްޕެންޔޯލަށް ކުޅޭ ވޫލެއިއަށްވެސް މި މެޗު ކުޅުމުގެ ފުރުޞަތު ދީފައެވެ. އޭނާ ޓީމާ ގުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. އޭނާ ބުނީ ޗައިނާގެ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދޭން ޖެހޭ މައިގަނޑު ސަބަބަކީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އެ ޤައުމުގެ ކުލަބުތަކުން ޒުވާން ކުޅުންތެރިންނާއެކު ހޯދަމުންދާ ރަނގަޅު ނަތީޖާތައްކަމަށެވެ.

ޗައިނާއާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ. މި ދެ ޤައުމު އެންމެ ފަހުން ކުޅުނު ކޮލިފައިން މެޗު 2-0ން ކާމިޔާބުކުރީ ޗައިނާއެވެ.

ރާއްޖެއިން ވޯލްޑް ކަޕް ކޮލިފައިން ފަށާނީ އަންނަ މަހުގެ 6ވަނަ ދުވަހު ޤައުމުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުންނެވެ.