ސަރުކާރުން ހުށައެޅި ގޮތަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 71 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓްގެ ބަހުސްގެ މަރުހަލާގައި ވާހަކަދެއްކެވި މެމްބަރުންވަނީ މިބަޖެޓް ފާސްކުރުމުން ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މިހާރު ކުރިއަށްގެންދަން ނިންމާފަިއވާ މަޝްރޫޢުތައް ނިންމުމަށް ލިބިގެންދާ އިތުރު އެހީތެރިކަމެއްގެ ގޮތުގައިވެސް މެމްބަރުންވަނީ ފާހަނގަކުރައްވާފައެވެ.
ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވަނީ މަޖިލީހަށް ވަޑައިގެން ބަޖެޓްގެ ތަފްސީލް ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުން މި އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކުރައްވާފައެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ސަރުކާރުންވަނީ މިހާތަނަށް މި އަހަރުގެ ބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގެ ތަފްސީލް ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންނަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ބަޖެޓްކުރުންކަމަށެވެ.