ޚަބަރު

ސްރީލަންކާގެ ބޮޑުވަޒީރަށް މަޖިލީހުގައި ތަޤްރީރު ކުރެއްވުމުގެ ދައުވަތުދިނުމަށް ފާސްކޮށްފި


ސްރީލަންކާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން ތާއީދުކޮށްފިއެވެ.

އެމަނިކުފާނު މަޖިލީހުގައި ތަޤްރީރު ކުރެއްވުމާއި ގުޅޭގޮތުން ނެގިވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންވަނީ މިދައުވަތު އެމަނިކުފާނަށް އެރުވުމަށް ފާސްކޮށްފައެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވުމާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ވަނީ ތާއީދުކުރައްވާފައެވެ.

މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި، ޕީޕީއެމްއެމް ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްޑީއޭގެ ފަރާތުން ވާހަކަ ދެއްކެވި މެމްބަރުންވަނީ ސްރީލަންކާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތްއެއް ޤައުމަށްވާއިރު އެޤައުމުގެ ބޮޑުވަޒީރަށް މަޖިލީހުގައި ތަޤުރީރް ކުރެއްވުމުގެ ފުރުސަތު ދެއްވުމަކީ މަޖިލީހުގެ ޝަރަފަށްޓަކައިވެސް ކުރުން މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.