ޚަބަރު

ސްރީ ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ!


ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރަސްމީ ދަތުރުފުޅެއްގައި، ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރަނިލް ވިކްރަމަސިންހަ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި އަންނަ ސެޕްޓެންބަރު މަހުގެ 3އިން 4އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.