ކުޅިވަރު

ޤައުމީ ހޭންޑްބޯޅަ މުބާރާތުގައި 20 ޓީމުން ބައިވެރިވެއްޖެ


ޤައުމީ ހޭންޑްބޯޅަ މުބާރާތުގައި 20 ޓީމުން ބައިވެރިވެއްޖެއެވެ.

ސެޕްޓަމްބަރު މަހުގެ 7ވަނަ ދުވަހު ފަށާ ޤައުމީ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި އިއްޔެވަނީ ގުރުއަތު ނަގާފައެވެ. މުބާރާތް ކުރިޔަށްދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގައި ފުރަތަމަ ކުރިޔަށްދާނީ ދެވަނަ ޑިވިޝަންގެ ކުޅުމެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއެކު ފުރަތަމަ ޑިވިޝަންގައި ފިރިހެން 4 ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ މި ޑިވިޝަންގައި އަންހެން 3 ޓީމެއް ވާދަކުރާނެއެވެ. މުބާރާތުގެ ދެވަނަ ޑިވިޝަންގައި ފިރިހެން 4 ޓީމު އަދި އަންހެން 10 ޓީމު ވާދަކުރާނެއެވެ. މުޅި މުބާރާތުގައި ދެ ޑިވިޝަން އެއްކޮށް 20 ޓީމުވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޢަދަދުވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު މުބާރާތުގައި ވާދަކުރީ ފުރަތަމަ ޑިވިޝަންގައި އަންހެން އަދި ފިރިހެން 3 ޓީމެވެ. އަދި ދެވަނަ ޑިވިޝަންގައި ފިރިހެން 3 ޓީމާއި އަންހެން 5 ޓީމު ވާދަކުރިއެވެ.

މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 4ގައެވެ.