ކުޅިވަރު

ސްރީ ލަންކާ މުބާރާތަށް ޤައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ކްލަބް ވެމްކޯއިން އިސްކަންދިނިން: ސޮފްވާން


ސްރީ ލަންކާގައި އަންނަ މަހު އޮންނަ 33ވަނަ ނޭޝަނަލް ޔޫތް ސަރވިސަސް ކައުންސިލްގެ ރަޕުވަހިނި ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ސްކޮޑް އެކުލަވާލުމުގައި ވެމްކޯއިން ބޮޑަށް ވިސްނީ ޤައުމީ ސްކޮޑުގައި ހިމެނޭ 25 އަހަރުން ދަށުގެ ކުޅުންތެރިންނަށް ފުރުޞަތު ދޭންކަމަށް ކްލަބް ވެމްކޯގެ އެސިސްޓަންޓް ކޯޗް ސޮފްވާން އަހުމަދު ބުނެފިއެވެ.

ސޮފްވާން ބުނީ މިމުބާރާތަކީ ރާއްޖެއިން ބޭރުގައި ބާއްވާ ކުލަބު ފެންވަރުގެ މުބާރާތެއްގައި ރާޢްޖޭގެ އަންހެން ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވުމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެވަރުގެ ޓީމެއް އެކުލަވާލަން ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށެވެ. ނަމަވެސް ސްކޮޑުގައި ތިބި ކުޅުންތެރިންނާއި އެއް ހަމައެއްގައި ކުޅެވޭފަދަ ހުނަރުވެރި ކުދިން މިހާރުވެސް އަތޮޅުތެރޭގައި އެބަތިބިކަމަށް ސޮފްވާން ބުންޏެވެ. ސޮފްވާން ބުނީ ކްލަބް ވެމްކޯއިން ބޮޑަށް ވިސްނީ މިއަހަރުގެ ތެރޭގައި ސާފް ގޭމްސްވެސް ކުރިއަށް އޮތުމުން، ޤައުމީ އަންހެން ޓީމުގައި ހިމެނޭ 25 އަހަރުން ދަށުގެ ކުޅުންތެރިންނަށް ފުރުޞަތު ދީ، އެކުދިންނަށް އިތުރު ތަޖުރިބާއެއް ލިބޭނެގޮތް މަގުފަހިކޮށްދޭށެވެ.

"އަޅުގަނޑު ބުނަނީ އަތޮޅުތެރޭގަވެސް އެބަ ތިއްބޭ މިކުދިންނާ އެއް ލެވެލްއަށް ކުޅޭ ކުޅުންތެރިން. އެކަމަކު މިއަހަރު އަދި އޭޝިއަން ގޭމްސް އޮތުމާއިވެސްއެކު އަޅުގަނޑުމެންގެ އަމާޒަކަށްވީ ޤައުމީ ސްކޮޑުގަ ހިމެނޭ ކުޅުންތެރިންނަށް ބޮޑަށް ފުރުޞަތުދީގެން އެކުޅުންތެރިންނަށް ގޭމްސްގެ ކުރިން އިންޓަނޭޝަނަލް މެޗްތަކެއް ޕްރޮވައިޑް ކޮށްދޭން،'' ސޮފްވާން ބުންޏެވެ.

މުބާރާތުގައި ވާދަކުރުމަށް ކްލަބް ވެމްކޯއިން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، މިއީ ރާއްޖެއިން ބޭރުގައި ބޭއްވޭ ކުލަބު ފެންވަރުގެ ވޮލީބޯޅަ މުބާރާތެއްގައި ދިވެހިރާއްޖޭގެ އަންހެން ޓިމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. 25 އަހަރުން ދަށުގެ ޓިމްތައް ވާދަކުރާ މިމުބާރާތުގައި ކްލަބް ވެމްކޯއިން ވާދަކުރާނީ ސުޕަރ ލީގު ކެޓަގަރީގައެވެ.

މި މުބާރާތަކީ ސްރީލަންކާގެ ނޭޝަނަލް ޔޫތް ސަރވިސަސް ކައުންސިލްއާއި ލަންކާގެ ވޮލީބޯޅަ ފެޑެރޭޝަންއާއި ސްރީ ލަންކާ ރުޕަވަހީނި ކޯޕަރޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުގެ ދަޢުވަތަކަށް ކްލަބް ވެމްކޯއިން މުބާރާތުގެ އަންހެން ބައިން ވާދަކުރާއިރު، މުބާރާތުގެ ފިރިހެންބައިގައި ރާއްޖޭގެ ގުޑީސް ސްޕޯޓްސް ކުލަބު ވާދަކުރާނެއެވެ. މިއީ ރާއްޖެއިން ބޭރުގައި ބޭއްވޭ އިންވިޓޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ފިރިހެން ކުލަބެއް ވާދަކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.