ރާއްޖޭގައި ހަރަކާތްތެރިވާ ޝެފުންނަށް ޚާއްސަކޮށްގެން ބެސްޓް ބައި މޯލްޑިވްސް، ބީބީއެމްއިން ކެއްކުމުގެ މާސްޓަރ ކްލާހެއް ބޭއްވުމަށް ނިންމައިފިއެވެ. 
މިއީ ކަލިނަރީ ދާއިރާގައި ރާއްޖޭގެ ޝެފުން ބިނާކުރުމުގެ މަޤްސަދުގައި ބެސްޓް ބައި މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވާ ކެއްކުމުގެ ކްލާހެކެވެ. މި ކްލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. 
މި ކްލާސް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ކަލިނަރީ ދާއިރާގައި އެންމެ މަތީ ލަޤަބްކަމަށްވާ "މިޗެލިން ސްޓަރ" ތިންފަހަރު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ މަޝްހޫރު ޝެފެއްކަމަށްވާ، ޝެފް ބްރޫނޯ މަރނަންޑްއެވެ. 
ޝެފް މަރނަންޑްއަކީ ކަލިނަރީ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ޝެފެކެވެ. ސެޕްޓެމްބަރު މަހު ބާއްވާ މި ކްލާހުގެ ތެރެއިން ކަލިނަރީ ދާއިރާގައި ބޭނުންކުރާ ތަފާތު އުކުޅުތައް ޝެފުންނަށް ދަސްކޮށްދިނުމާއި ކަލިނަރީ ދާއިރާއާއި ބެހޭ އެކި ސުވާލުތަކަށް ޖަވާބު ދިނުން ހިމެނެއެވެ. އަދި ކާނާގެ އެކި ބާވަތްތައް ތައްޔާރުކުރާ ގޮތްތައް މި ކްލާހުގެ ތެރެއިން ޝެފުންނަށް ދައްކާނެއެވެ. 
މުޅިން ހިލޭ ބައިވެރިވުމަށް ހުޅުވާލާފައިވާ މި މާސްޓަރ ކްލާހުގައި ބައިވެރިވާ ފަރާތްތަކަށް ޝެފް މަރނެންޑްގެ ފަރާތުން ސެޓްފިކެޓެއް ހަވާލުކުރެވޭނެއެވެ. މި ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު ބެސްޓް ބައި މޯލްޑިވްސްގެ ވެބްސައިޓުން މި ކްލާހަށް ވަނުމަށް ރަޖިސްޓްރީވެވޭނެކަމަށް އެކުންފުނިން ބުނެއެވެ. 
ރާއްޖޭގައި ހުނަރު ހުރި ޝެފުން ބިނާކުރުމަށްޓަކައި ބީބީއެމްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބީބީއެމް އިން މިހާރު ދަނީ އަންނަ އޮކްޓޯބަރުމަހު ބާއްވާ ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ބޭއްވުމުގެ މަސައްކަތްކުރަމުންނެވެ.