ޚަބަރު

އަމާޒަކީ ދިވެހިންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކޮށްދިނުން - އުގައިލް


އަމާޒަކީ ދިވެހިންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކޮށްދެއްވުންކަމުގައި ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

50އަށްވުރެ ގިނަ ސައިންސްވެރިންނާއި އެހެނިހެން ޢިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ "އުކުޅަސް ޓެކް ފެއަރ 2019" މަހާސިންތާގެ މަޢުލޫމާތު މީޑިއަށް ދެއްވަމުން އުގައިލް ވިދާޅުވީ މިކޮންފަރެންސްއާއި ފެއަރ ކުރިއަށްދަނީ އުންމީދުކުރިވަރަށްވުރެ މާފުރިހަމަކޮށްކަމަށެވެ.
އެގޮތުން ކުރުމުއްދަތެއްގެ ތެރޭގައި އުކުޅަހު ކޮންވެންޝަން ސެންޓަރު ނިންމާފައިވަނީ ވަރަށް ފުރިހަމަކޮށްކަމަށް އުގައިލް ވިދާޅުވިއެވެ.

އަދި މިހާރު ކުރިއަށްދާ ކޮންފަރެންސްއާއި މުޅި އުކުޅަހާއި ގުޅިލާމެހިފައިވާކަމަށް އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން އުގައިލް ވިދާޅުވީ ކޮންފަރެންސްގެ ތެރެއިން އިތުރު 26 ފަރާތަކުން ބައިވެރިވެ ފެއަރއަށް ދިން އެއްބާރުލުމަކީ ކޮންފަރެންސް އިތުރަށް ފުރިހަމަވެގެންދާކަމެއްކަމަށެވެ.

ފެއަރއަށް ޒިޔާރާތްކޮށް ފެއަރގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް އުގައިލް ވިދާޅުވިއެވެ. އުގައިލް ވިދާޅުވީ ކޮންފަރެންސްގެ އަމާޒަކީ ހޭލުންތެރިކަން އިތުރު ކުރުންކަމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ހޭލުންތރިކަން އިތުރުކުރުމުގެ ގޮތުން މިފަދަ ކޮންފަރެންސްތައް ބޭއްވުމަކީ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

އުކުޅަހުގައި ކުރިއަށްދާ ކޮންފަރެންސްއާ ގުޅޭގޮތުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށުގެތެރެއިން އުކުޅަސް ފާހަގަކޮށް އުކުޅަހުގައި މިފަދަ ބޮޑު ބައިނަލްއަގުވާމީ ކޮންފަރެންސްއެއް ބޭއްވުމުން އެކަމާ ފަޚުރުވެރިވާކަމަށެވެ. އަދި މިކަމަށްޓަކައި ޕްރޮފެސަރ ހަސަން އުގައިލްގެ މަސައްކަތް ޝައުކަތު ފާހަގަކުރެއްވިއެވެ.

ޝައުކަތު ވިދާޅުވީ ކޮންފަރެންސް ބޭއްވުމާއި ކޮންފަރެންސް ބޭއްވުމަށް އުކުޅަހުގައި ގާއިމްކުރި ސެންޓަރުން ރަށުގެ މުސްތަގުބަލަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. އަދި މިކަމަކީ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު އެރަށަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރާ ރަށެއްކަމުން އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ މިކޮންފަރެންސް ނިމުމަށްފަހުވެސް ކޮންވެންޝަން ސެންޓަރުން ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. އުކުޅަހުގައި ކުރިއަށްދާ މިމަހާސިންތާއަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ ސައިންސްވެރިންގެ ފެއަރއެވެ.