ވިޔަފާރި

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ އޮކްޓޫބަރުމަހު ބާއްވަނީ


އެމްވީ މެޑިކަލްސްއިން އިންތިޒާމްކޮށްގެން ބާއްވާ 'މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' އަންނަ އޮކްޓޫބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްވީ މެޑިކަލްސްއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އެގްޒިބިޝަންވެސް ބާއްވަނީ އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވެ. އެގޮތުން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މިއެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 3، 4 އަދި 5 ވަނަ ދުވަހުއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަންބެސް އެމްވީ މެޑިކަލްސްއިން ފާހަގަކުރެއެވެ.

އެމްވީ މެޑިކަލްސްއިން ބުނީ ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އެގްޒިބިޝަނަށް ހުރިހާ ފަރާތްތަކަށްވެސް ޒިޔާރަތްކުރެވޭނެކަމަށެވެ. އަދި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމްވީ މެޑިކަލްސްއިން ބުނެއެވެ.