ޚަބަރު

އުފަންވާއިރު ހިތުގެ ބަލި ހުންނަ ކުދިންނަށް އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ތެރެއިން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަނީ


އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ނިޒާމް ހަރުދަނާ ކުރެވިގެންދާއިރު އުފަންވާއިރު ހިތުގެ ބަލި ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުނެނެވެ.

ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސްއަކީ އިންސާނިއްޔަތަށްޓަކައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރާ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވައި އެޖަމްޢިއްޔާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤައުމެއްގައި ޞިއްޙީ ނިޒާމެއް އޮތުމުގެ ބޭނުމަކީ، ބަލިވުމުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން އެކަނި ނޫންކަމަށެވެ. ރައީސް ވިދާޅުވީ ޞިއްޙީ ނިޒާމެއްގެ ބޭނުމަކީ، އިންސާނާގެ ޞިއްޙަތު ސަލާމަތްކުރުންކަމަށާ، އެކަމުގެ ފެށުމަކީ، އެބައެއްގެ ތެރޭގައި ފެތުރޭ ބަލިތަކާއި ރޯގާތަކާމެދު ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުންކަމަށެވެ.

ރައީސް ވަނީ، ތުއްތު ކުދިން އުފަންވާއިރު، ކުރިމަތިވާ ހިތުގެ މައްސަލަތަކަކީވެސް، ރާއްޖޭގެ ނިސްބަތުން ބަލާއިރު، ޞިއްޙީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ، އެފަދަ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ، ދުޅަހެޔޮ މުޖުތަޢެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި، ސަރުކާރުން މިހާރު ހިމަނާފައިވާ ކަމެއްކަމަށްވެސް ވިދާޅުވެފައެވެ.

އަދި އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަކީ، އަލަތު ދަރިފުޅު ލިބޭ ދެމަފިރިންނަށް އެކަނި އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވައި އެއީ ގިނަ ޚަރަދު ހިނގާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޞިއްޙީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، އެފަދަ ކުދިންނަށް ފަރުވާކުރެވޭނެ އިންތިޒާމެއް، މިދިޔަ އަހަރުތަކުގައިވެސް ހަމަޖައްސާފައި ނެތުމުން ހިތާމަކުރައްވާކަމަށާއި، އެކަން އެހެންވީ، ބަޔަކު މީހުން އެނިޒާމުގެ ނަހަމަ ބޭނުން ހިފަމުން ދިޔުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ނިޒާމް ހަރުދަނާކޮށް އުފަންވާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިޙާރު ކުރައްވަމުން ގެންދަވާކަމަށެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިއަންނަނީ، އިޖްތިމާޢީ ޞިއްޙީ އިންޝޫރެންސްގެ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، އެ ނިޒާމު ހަރުދަނާކޮށް ފުރިހަމަކުރުމަށް. އާސަންދަ އާއި އެންސްޕާއިން މިހާރު އެގެންދަވަނީ އެ މަސައްކަތް ކުރައްވަމުން. މާތް ﷲގެ ވާގިފުޅާއެކު، އެ މަސައްކަތް ފުރިހަމަވެގެންދާއިރު، އުފަންވާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެކަމުގައި ޓައިނީ ހާޓްސްގެ ލަފަޔާއި މަޝްވަރާ އަގަނޑުމެން ހޯދާނަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ މިތިބީ، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، އުފާވެރި ދިރިއުޅުމެއް ހޯދައިދޭންކަމަށާ، އެހެންކަމުން، ޓައިނީ ހާރޓްސް ފަދަ، ރައްޔިތުންނާ އެންމެ ގާތުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއެކު، އަދުގެ ސަރުކާރުން އަބަދުވެސް ގާތް ގުޅުމެއް ބަހައްޓާވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންގެވެސް އޮތީ އެއް އަމާޒެއް. އެއް މަޤްޞަދެއް. އެއީ އުފާވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުން. އެކަމަށް ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް އެބަހުރި. ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން މިއަންނަނީ، އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން އުޅޭ ޞުލްޙަވެރި އަމާން މުޖްތަމަޢަކަށް ރާއްޖެ ހެދުމަށް" ރައީސް ޞާލީޙް ވިދާޅުވިއެވެ.

ދަރުބާރުގޭގައި ބޭއްވި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލު ފަޒްނާ އަޙްމަދުގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިތުގެ ބަލި ހުންނަ ތުއްތު ކުދީންނާއި، އެ ކުދީންގެ ހިތުގެ ދުޅަހެޔޮކަމަށް އާންމުފަރާތްތައް ހޭލުންތެރިކުމަށް ޤައުމީ ފެންވަރުގައި މުހިއްމު އެތައް މަސައްކަތެއް ޓައިނީ ހާރޓްސް އިން ވަނީ މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކޮށްފައެވެ.