ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓަށް، މަޖިލީހުގައި ބަހުސް ފަށައިފި


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސަޕްލިމެންޓަރީ ބަޖެޓަށް، މަޖިލީހުގައި ބަހުސް ފަށައިފިއެވެ.

ސަރުކާރުން ހުށައެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓްގެ ބަހުސް މިރޭ ފަށާފައިވާއިރު، ކޮމިޓީން ހުށަހެޅި ރިޕޯޓްވެސްވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވަނީ ސަރުކާރުން ހުށަހެޅި މި ބަޖެޓްގެ ތަފްސީލް މިރޭގެ ޖަލްސާގައި މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ބަޖެޓަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރެއްވި މެމްބަރުންވަނީ ބަޖެޓަށް ވަރަށްބޮޑަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. ސްޓޫޑެންޓް ލޯނާއި، ސިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ބޯހިޔާވަކިކަމުގެ އިތުރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓަށް އިތުރުކުރި ފައިސާއިން ޙަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓަށް ވާހަކަދެއްކެވި މެންބަރުން ވަނީ ބަޖެޓަށް އިތުރުކުރެވޭ މިފައިސާއަކީ އާންމު ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމަށް ޚަރަދުކުރަން އިތުރުކުރެވޭ ފައިސާކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކުރައްވާފައެވެ. އަދި މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. އަދި ބެޖެޓުގެ ޑެފިސިޓް 4.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ރިޕޯޓުގައި ވިދާޅުވެފައިވެއެވެ. ބަޖެޓްގެ ބަހުސްގައި ކޮންމެ މެމްބަރަކަށްވެސް ވާހަކަ ދެއްކެވުމަށް 7 މިނިޓްގެ ވަގުތެއް ލިބިގެންދާނެއެވެ.