ތަރައްޤީގެ 3 މަޝްރޫއެއް ހިންގުމަށް ރާއްޖެއަށް 120 މިލިއަން ޑޮލަރުގެ އެހީ ދޭން އޭޑީބީން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް ޓަކަހިކޯ ނަކާއޯ ވިދާޅުވީ އޭޑީބީން ކުރިއަށް އޮތް 2 އަހަރުތެރޭގައި ތަފާތު 3 މަޝްރޫއެއް ހިންގުމަށް އެހީވުމަށް ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ދޭން ނިންމާފައިވާ 10 މިލިއަން ޑޮލަރާއި، ކުނި އެންމެ ރަނގަޅު ގޮތުގައި މެނޭޖްކޮށް ކުނި އަންދައިގެން ކަރަންޓު އުފެއްދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ދޭން ނިންމާފައިވާ 60 މިލިއަން ޑޮލަރުވެސް ހިމެނެއެވެ. އަދި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އިންޖީނުގެ ތަރައްޤީކުރުމަށް ދޭން ނިންމާފައިވާ 50 މިލިއަން ޑޮލަރުގެ އެހީވެސް ހިމެނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް ޓަކަހިކޯ ނަކާއޯ ވިދާޅުވީ ރާއްޖެއަށް ކުރިން އެހީވަމުން އައީ ހަމައެކަނި ހިލޭ އެހީންނަމަވެސް ރާއްޖޭއިން މާލީގޮތުން ހޯދަމުން އަންނަ ކުރިއެރުންތަކާއެކު މިހާރު ރާއްޖޭގައި ބޮޑެތި މަޝްރޫޢޫތައް ހިންގުމަށްވެސް އިތުރު ގޮތްގޮތަށް އެހީ ދިނުމަށް އެބޭންކުން ނިންމާފައިވާކަމަށެވެ.
އޭޑިބީގެ ރައީސް ވިދާޅުވީ ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫޢޫތަކުގެ އިތުރުން ކުރިއަށް އޮތްތަނުގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ އިތުރުން އެސްއެމްއީ ފައިނޭންސްގެ ދާއިރާއިންވެސް އެހީވުމާމެދު މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށެވެ. ފިނޭންސް މިނިސްޓަރ ވަނީ ރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކަކަށް އޭޑީބީން އެހީވަމުންދާކަން ފާހަގަކުރައްވާފައެވެ.