ތަޢުލީމު

މަންދު ކޮލެޖު ހުސް ނުކުރުމަށް ސިވިލް ކޯޓުން އަންގައިފި


މަންދު ކޮލެޖް ހިންގާ އިމާރާތް ހުސްކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދިން ނޯޓިސްއާއި ގުޅިގެން އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މަންދު ކޮލެޖު ހުސް ނުކުރުމަށް ސިވިލް ކޯޓުން އަންގައިފިއެވެ.ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ މި މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރީން މަންދު ކޮލެޖު ހުސްކުރުމަށް އަންގާފައިވާ އެންގުމަށް އަމަލުކުރުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ކުރީގެ އެމް.އީ.އެސް ހިންގި އިމާރާތް މާލޭހައި ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވުނީ އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެއްބަސްވެވިގެން ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއްގެ ބަދަލުގައި ކޮލެޖެއް ހިންގަމުން ދިއުމަކީ މި އިމާރާތް އެމިނިސްޓްރީން ދޫކުރި މަގުސަދާއި މުޅިން ޚިލާފު ކަމެއް ކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީން މާލޭގައި ސްކޫލްތައް ހިންގަމުންދަނީ ޖާގައިގެ ދަތިކަން ތަހައްމަލް ކުރަމުން ކަމަށް ވެފައި،ކްލާސްރޫމެއްގައި އެންމެ އެކަށީގެންވާ ވަރަށްވުރެ ގިނަ ކުދިންނަށް ޖާގަ ދީގެން ތައުލީމް ފޯރުކޮށްދިނުމަށް މަޖުބޫރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އެޑިއުކޭޝަން މިނިސްޓްރީންގެ ތައުލީމީ ނިޒާމްގެ ތެރޭގައި ހިމެނޭ ގްރޭޑް ސްކޫލެއް ހިންގަން އެއްބަސް ވެފައިވާ އިމާރާތެއްގެ އެއްބަސް ވުމާ ޚިލާފަށް އެތަނުގައި ކޮލެޖެއް ހިންގަމުން ދިއުމަކީވެސް އެއިމާރާތް ދޫކުރި މަގުސަދާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ. އެހެން ކަމުން އެއިމާރާތް ހުސްކުރުމަށް ޖެނުއަރީ މަހު ނޯޓިސް ދިން ނަމަވެސް، އެއީ ތައުލީމީ މުއައްސަސާއެއް ކަމުގައި ވާތީ، އިމާރާތް ހުސްކުރުމުގެ މުއްދަތު އިތުރުކޮށް ހުސްވި މޭމަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލަށް ވަގުތުދީ، އަދި އިމާރާތް ހުސްކުރާނެ ޓައިމްލައިނެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދުމުންވެސް އެއްވެސް އިޖާބައެއް މަންދުކޮލެޖް ހިންގާ ފަރާތުން މިކަމަށް ދީފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.އަނެއް ކޮޅުން މިމައްސަލާގައި އެމްއީއެސް ކުރިން ހިންގި އިމާރާތުގައި ހިންގާ މަންދު ކޮލެޖްގެ، ޗެއަރމަން އިބްރާހިމް އިސްމާއިލް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މިކަމާބެހޭ ގޮތުން އަންގާފައިވާ އެންގުމުގައި އެއްވެސް ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.ތަން ހުސްކުރުމަށް އެންގި އެންގުމާއި ގުޅިގެން އެކޮލެޖުން މިއަދު ކޯޓަށް ދިޔައީ އެއީ އެތައް ކުދިންނެއް ކިޔަވަމުންދާ ކޮލެޖަކަށް ވެފައި، ޝަރީއަތުން ގޮތެއް ނުނިންމަނީސް އެޑިޔުކޭޝަން މިނިސްޓްރީއަށް އެތަނަށް ވަދެވިގެންވާނެކަމަށް ޤަބޫލުނުކުރެވޭތީކަމަށެވެ.އެޑިޔުކޭޝަންގެ ބޭނުމަކީ އެއްބަސްވުމުގެ ބޭރުންވެސް، އިމާރާތް އަތުލުންކަމަށާއި މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް އިބްރާހިމް އިސްމާއިލް ތުހުމަތުކުރެއްވިއެވެ.އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެމްއީއެސްގެ މަސްއޫލުވެރިންނާ ދެމެދު ފުރަތަމަ އެއްބަސް ވުމެއްގަިއ ސޮއި ކުރެވުނީ 2008 ވަނަ އަހަރުއެވެ. އަދި މިއެއްބަސްވުމާ ގުޅިގެން އެމްއީއެސްގެ މަސްޢޫލުވެރިންނަށް ލިބިދޭ އެންމެހާ ހައްގުތަކަށް އެއްވެސް ބަދަލެއްނެތި 2010ވަނަ އަހަރުގެ އޭޕްރީން 6 ވަނަދުވަހު ތަފާތު އެއްބަސްވުންތަކެއްގެ ޒަރީއާއިން ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ނަގުލު ކުރެވިފައެވެ.އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން މިހާތަަނަށްވެސް އެއިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ބަދަލުގައި އެކުންފުނިން ހިންގަމުންދަނީ ކޮލެޖެއް ކަމަށެވެ. މިމައްސަލަ އެކުންފުނީގެ ސަމާލުކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެތަކެއް ފަހަރު ގެނެސްފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ކުންފުނިން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާތީ،  މަންދު ކޮލެޖް ހިންގާ ފަރާތަށް ނޯޓިސް ދިނީ ކަމަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ޖެނުއަރީ މަހު 15 ދުވަހުގެ ނޯޓިސްއެއް އެތަން ހުސްކުރުމަށް ދީފައިވެއެވެ. އެއަށްފަހު މަންދު ކޮލެޖްގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމޭ ދުވަސް ކަމަށްވާ ހުސްވި މޭމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ މުއްދަތު އިތުރުކޮށް ދެއްވާފައެވެ.