ކުޅިވަރު

ފާޑުކިއުންތަކަށް ރައްދުދޭނީ ނަތީޖާ ނެރެގެން: ޕޮގްބާ


ނަސްލީގޮތުން ތަފާތުކުރުމުގެ ސަބަބުން މާޔޫސްވެ ކުޅުމަށް އަސަރު ނުކުރާނެ ކަމަށާއި ފާޑުކިއުންތަކަށް ރައްދުދޭނީ ނަތީޖާ ނެރެގެންކަމަށް މެންޗެސްޓަރ ޔުނައިޓްގެ ފޯވާޑް ޕައުލް ޕޮގްބާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ވާދަކުރި މެޗުގައި ޕޮގްބާ ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުގެ ސަބަބުން ނިމިދިޔަ ހަފްތާގައި މީސްމީޑިއާގައި ޕޮގްބާއަށް އަމާޒުކޮށް ގިނަ ބަޔަކުވަނީ ނަސްލީގޮތުން ތަފާތުކޮށް ފާޑުކިޔާފައެވެ. އެ މެޗުގައި ޔުނައިޓެޑް ވަނީ 1-1އިން އެއްވަރުވެފައެވެ. މެޗުގައި ޔުނައިޓެޑަށް މޮޅުވާން ލިބުނު އެންމެ ރަނގަޅު ފުރުސަތު ޕޮގްބާއަތުން ބޭކާރުވުމުން ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުންވަނީ އޭނާއާއި ދެކޮޅަށް މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕޮގްބާ ކުރި ޓްވީޓެއްގައި އޭނާ ބުނީ، ނަސްލީގޮތުން ތަފާތުކޮށް އޭނާއަށް އަމާޒުކުރާ ބަސްތަކަށް އެއްވެސް ފަރުވާލެއްނެތްކަމަށާއި، އޭގެސަބަބުން އޭނާ މާޔޫސްނުވާކަމަށެވެ. އަދި އޭގެ ބަދަލުގައި އެފަދަ ބަސްތައް އަމާޒުވުމުން އަޒުމް ވަރުގަދަވެ ކުޅުން އިތުރަށް ރަނގަޅުކުރަން ހިތްވަރެއް ލިބިގެންދާކަމަށްވެސް ޕޮގްބާ ބުންޏެވެ. ޕޮގްބާ ބުނީ ފުޓުބޯޅައިގައި ނަސްލީގޮތުން ތަފާތުކުރުމަކީ ވަރަށް ހުތުރު ކަމެއްކަމަށެވެ. މިކަމާއި ގުޅިގެން ޔުނައިޓްގެ ކޯޗް އޮލެ ގަނަރ ސޮލްޝެއާ ބުނެފައިވަނީ ނަސްލީގޮތުން ތަފާތުކުރާ މީހުން އެކަން ކުރަނީ ފިލާ ތިބެގެންކަމަށާއި އެއީ ހަޤީޤީ ސަޕޯޓަރުން ނޫންކަމަށެވެ.

ޕްރިމިއަރ ލީގުގައި ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑްގެ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވުމުން އޭނާއަށް އަމާޒުކޮށްވެސް ނަސްލީގޮތުން ތަފަތުކޮށް މީސްމީޑިއާގައި ޔުނައިޓެޑްގެ ސަޕޯޓަރުންވަނީ ފާޑުކިޔާފައެވެ.