ކުޅިވަރު

ބާސްކެޓްގައި ރާއްޖެއަކީ ކުރިމަގު އުޖާލާ ޤައުމެއް - މެތިވް ވެން ޕެލްޓް


ރާއްޖޭގައި ހުނަރުވެރި ޒުވާން ބާސްކެޓްބޯޅަ ކުޅުންތެރިން އެބަތިބި ކަމަށާ، ބަސްކެޓް ބޯޅާގައި ރާއްޖެއަކީ ކުރިމަގު އުޖާލާ ޤައުމެއްކަމަށް އެމެރިކާގެ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިޔާ މެތިވް ވެން ޕެލްޓް ބުނެފިއެވެ.

ވެން ޕެލްޓް ސްޕޯޓްސް މެނޭޖްމަންޓާ ގުޅިގެން ސްޓާރ ބާސްކެޓްބޯލް އެކަޑަމީން އަންނަނީ މާލޭގައި ޚާއްސަ ޓްރެއިނިންގ ކޭމްޕެއް ހިންގަމުންނެވެ. މި ޓްރެއިނިންގ ކޭމްޕުގައި ކުދިން ތަމްރީން ކޮށްދެނީ ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ވެން ޕެލްޓެވެ. މިއީ ސްޓަރ އެކަޑަމީއާ ގުޅިގެން، ވެން ޕެލްޓް ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދާ ދެވަނަ ފަހަރެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ވެން ޕެލްޓް ބުނީ، ފުރަތަމަ ފަހަރު ރާއްޖެ އައިސް ތަމްރީންތަކުގައި ބައިވެރިވި ކުދިން މިހާރު ވަރަށްބޮޑަށް ކުރިއަރާފައިވާކަމަށާ، އެހާ ޒުވާން ޢުމުރުގައި ގިނަ ކުދިންތަކެއް ޝައުޤުވެރިކަމާއެކު ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރާތަން ފެނުން އެއީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ކުރިމަގު އުޖާލާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

ވެން ޕެލްޓް ބުނީ ދެވަނަ ފަހަރަށް ޓްރެއިނިން ކޭމްޕް ބާއްވަން ރާއްޖެ އަންނަން ބޭނުންވި ސަބަބަކީވެސް އެއީކަމަށާ، ޚާއްސަކޮށް މި ފަހަރު ޒުވާން އިތުރު ކުޅުންތެރިންވެސް ކޭމްޕުގައި ބައިވެރިވުން ވެގެންދިޔައީ އޭނާއަށްވެސް ލިބުނު ބޮޑުއުފަލެއްކަމަށެވެ. ވެން ޕެލްޓް ބުނީ، އޭނާގެ އަމާޒަކީ ރާއްޖޭގެ ޤައުމީ ލެވެލްގައި ބާސްކެޓް ކުޅޭނެ ތަފާތު މޮޅު ކުޅުންތެރިން އުފެއްދުން ކަމަށާ، ކުދިންގެ ޝައުގުވެރިކަމާއި ހުނަރަށް ބަލައިފިނަމަ އެއީ ނުވާނެ ކަމެއް ނޫންކަމަށެވެ. އަދި ސްޓަރ އެކަޑަމީއާއި ގުޅިގެން މުސްތަގުބަލުގައި މިއަށްވުރެ ފުރިހަމަ ކޭމްޕްތައް ކުރިއަށްގެންދަން ޝައުގުވެރިވާ ކަމަށްވެސް ވެން ޕެލްޓް ބުންޏެވެ.

މިމަހުގެ 25އިން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޓްރެއިނިން ކޭމްޕްގައި ސްޓަރ ބާސްކެޓްބޯޅަ އެކަޑަމީގެ އިތުރުން، އެކަޑަމީގައި ނުހިމެނޭ ކުޅުންތެރިންނަށްވެސްވަނީ ފުރުޞަތުދީފައެވެ.