ވިޔަފާރި

ޙިދުމަތްތަކުގެ އަގު ހެޔޮކުރުމަށް 189 މިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނައިފި


ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ އަގު ހެޔޮ ކުރުމަށްޓަކައި، ކުންފުނިތަކަށް ސަބްސިޑީ ދިނުމަށް 189 މިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ފައިސާއިން އެމްޑަބްލިއުއެސްސީ އަދި އައިލެންޑް އޭވިއޭޝަން އަދި ސްޓެލްކޯއަށް އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙުމަދު ސަރުވާޝް އާދަމް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ރެވެނިއު ލޮސްގެ ގޮތުގައި 130 މިލިއަން ރުފިޔާ އެކުންފުންޏަށް ދިނުމަށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން އައިލެންޑް އޭވިއޭޝަނުން މިއަހަރުގެ ކުރީކޮޅު މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގު ހެޔޮކުރުމަށް ކުއްލި ގޮތަކަށް ނިންމުމުން، އެކުންފުންޏަށް ލިބުނު މާލީ ގެއްލުން ކުޑަ ކޮށްދިނުމަށް 35 މިލިއަން ރުފިޔާއާ ހަމައަށް އެހީވުމަށް ބަޖެޓުގައި ހިމާނާފައިވާނެ ކަމަށް ސަރުވާޝް ވިދާޅުވިއެވެ. އަދި ހަމަ މިއާއެކު ކަރަންޓުގެ އަގުހެޔޮ ކުރުމަށް އިތުރަށް ބޭނުންވާ 24 މިލިއަން ރުފިޔާވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ސަރުވާޝް ވިދާޅުވިއެވެ.

"އައިލެންޑް އޭވިއޭޝަންފަދަ ކުންފުންޏަކުން ކުއްލި ގޮތަކަށް ޓިކެޓްގެ އަގު ހެޔޮކުރަން ނިންމުމުން ދިމާވާ މާލީ ދަތިތަކެއްވެސް ހުންނާނެ، އެހެންވީމަ ސަރުކާރުން އެ ބަރޑަން ދަށް ކުރުމަށްޓަކައި އެއްބަސްވީ 35 މިލިއަން ރުފިޔާއާ ހަމައަށް އެބޭފުޅުންނަށް ސަޕޯޓުކުރުމަށް، ދެން މީގެ އިތުރުން ކަރަންޓުގެ އަގު ހެޔޮކުރުމަށްޓަކައި ދޭ ފައިސާއިން އިތުރަށް ބޭނުންވާ 24 މިލިއަން ރުފިޔާވެސް ބަޖެޓުގައި ހިމެނިފައިވާނެ،" ސަރުވާޝް ވިދާޅުވިއެވެ.

ސަރުކާރުންވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި މިހާރު ސަޕްލިމެންޓަރީ ބަޖެޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފުރަތަމަ ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. އަދި ބެޖެޓުގެ ޑެފިސިޓް 4.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.