މުނިފޫހިފިލުވުން

ސަލްމާން ޚާނާއި އެކު "ބިގް ބޮސް 13" ގެ ޓީޒަރ ދައްކާލައިފި


ކަލާޒްއިން ގެނެސްދޭ ސަލްމާން ޚާން ހޯސްޓްކުރާ މަޤްބޫލު ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގެ ޓީޒަރ ސަލްމާނާއި އެކު ދައްކާލައިފިއެވެ.
އަންނަ މަހު ފެށުމަށް ހަމަޖެހިފައި މި ޝޯ އަކީ ބެލުންތެރިންގެ އިތުރުން މީޑިއާގެ ބޮޑު ސަމާލުކަމެއް ކޮންމެ ފަހަރުކުވެސް ލިބިގެންދާ ޝޯއެކެވެ.

ސެލެބްރީޓީން ބައިވެރިކޮށްގެން ގެނެސްދޭ މި ޝޯގެ ފާއިތުވި ތިން ސީޒަން ގައި ވަނީ ސެލެބްރީޓީންނާއި އެކު އާންމު މީހުން ވެސް ބައިވެރި ކޮށްފައެވެ. ނަމަވެސް މި ސީޒަންގައި އެއްވެސް އާންމު ފަރާތެއް ނުހިމަނާ ހުސް ސެލެބްރިޓީނާއި އެކު ގެނެސްދޭ ގޮތަށް ޝޯގެ ކޮންސެޕްޓް ވަނީ ބަދަލުކޮށްފައެވެ.

މި ފަހަރުގެ ޝޯގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ ޓީޒަރގައި ސަލްމާން ބުނާގޮތަށް 4 ހަފްތާތެރޭ ފިނާލޭ އަށް ދެވޭގޮތަށް އޮތުމެވެ. މީގެ ކުރީގެ ސީޒަންތައް ވަނީ 3 މަސް ދުވަހަށް ދެމިގެން ގޮސްފައެވެ.

މި ފަހަރުގެ ޝޯއިން ޗަންކީ ޕާންޑޭ، ސިދާތް ޝުކްލާ، އަދިތްޔާ ނާރާޔަން، ކަރަން ވޯރާ އަދި ގޯޕީބަހޫގެ ރޯލުން ބެލުން ތެރިންގެ ބޮޑު މަޤްބޫލު ކަމެއް ހޯދާފައިވާ ޑެވޮލީނާ ބަޓްރަޖީވެސް ފެނިގެންދާނެ ކަމަށް ވެއެވެ. މީގެ އިތުރުން މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ ވާޖިދު ޚާންވެސް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ބިގް ބޮސް" އަކީ ޝޯގެ ބައިވެރިވާ ކޮންޓެސްޓެންޓުންގެ އިތުރުން އެ ބައިވެރިންނަށް ސަޕޯޓްކުރާ ފަރާތްތަކުގެ މެދުގައިވެސް ބަހުގެ ހޫނު ހަމަލާތަކާއި ހަމަނުޖެހުން ހިނގާ ޝޯއެއްކަން ފާހަގަ ކޮށްލެވެއެވެ.

"ބިގް ބޮސް"ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބު ކޮށްފައިވަނީ ސްޓަރ ޕްލަސް އިން މިހާރު ދައްކަމުން އަން "ކަހާ ހަމް ކަހާ ތުމް"ގެ ބަތަލާ ދީޕިކާ ކައްކަރުއެވެ.