ސިޔާސީ

މަޖްލިހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފަށާ ދުވަހަކީމިމަހުގެ
ހަތަރެއްވާ ބުރާސްފަތި ދުވަސްކަމުގައި ހަމަޖައްސައިފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެގޮތަށް ހަމަޖައްސާ މަޖިލީހުގެ މެމްބަރުންނަށް
މިހާރު އަންގަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ
ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރު އޮންނާނީ އެ އަހަރެއްގެ ޖޫން
މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށްކަމަށެވެ. މަޖިލީހުގެ ތިން ދައުރެއް
އޮންނަ އިރު އެއިން ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ ޖަލްސާތައް ފަށާނީ
ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.



މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގައި އެންމެ
ފުރަތަމަ ފާސްކުރާނެ ބިލަކީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މަދުވެގެން
ތިންހާސް ރުފިޔާ ދިނުމަށް ލާޒިމްކޮށް ވަޒީފާއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ
ބިލްކަމަށް މަޖިލިސްގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ވިދާޅުވެފައިވެއެވެ. އަދި
އެއަށް ފަހު ދެން އިސްކަމެއް ދެއްވައިގެން މަޖިލީހަށް ހުށައަޅުއްވާނީ ކުށް މަދުކުރުމުގެ
މަގްސަދުގައި އެކުލަވާލާފައިވާ، މޮނިޓަރިން އެންޑް ކޮންޓްރޯލިން، ނުވަތަ
"މޮނިކޮމް" ބިލްކަމަށް މަޖިލީހުގެ މެޖީރިޓީ ލީޑަރ ވަނީ ވިދާޅުވެފައެވެ.



މަޖިލީހުގެފުރަތަމަދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ އޭޕްރީލް
މަހުގެ ތިރީސްވަނަ ދުވަހުއެވެ.