ސިޔާސީ

އިމްރާނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދަޢުވާއެއް- އަދާލަތު


ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން ޓެރެރިޒަމްގެ ދަޢުވާ އުފުލުމަކީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ އަޑު ކަނޑުވާލާ، ސަރުކާރުން ބޭނުންގޮތަކަށް ކަންތައްތައްކުރުމަށް މަގުފަހިކުރުމުގެ ގޮތުން އުފުލާފައިވާ ސިޔާސީ ދަޢުވާއެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.އަދާލަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެޕާޓީގެ ރައީސަކީ ދުވަހަކުވެސް ޓެރެރިޒަމާއި، ހަމަނުޖެހުމާއި، އަނިޔާވެރިކަމަށް ހިތްވަރުދެއްވާފައިވާ ބޭފުޅެއް ނޫންކަމަށެވެ.ދައުލަތުން އިމްރާން އަބްދުﷲގެ  މައްޗަށް ޓެރެރިޒަމްގެ ދައުވާއުފުލާފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތުޕާޓީން އިސްނަގައިގެން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިއްވަރުދިންކަމުގެ ތުހުމަތުގައެވެ.އަދާލަތު ޕާޓީންބުނީ އިމްރާން ހައްޔުކޮށްފައިވަނީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ޤާނޫނީ އިއުމުގެ ތެރެއިން ހިފަމުންދަނިކޮށް ކަމަށެވެ.ދައުލަތުން ތުހުމަތުކުރަނީ މޭ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވީ ޝައިޚް އިމްރާން އަބްދުﷲ މުޒާހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް ދައްކާފައިވާ ވާހަތަކުންކަމަށާއި މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމަށް ފުލުހުންނާއި ކުރިމަތިލައި، ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ފުލުހުންނަކަށާއި އާއްމުންގެ އެތައް ބަޔަކަށް ހާނިއްކަވެފައިވާކަމަށެވެ.ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އިމްރާން ދެކޮޅުހަދާފައިވާއިރު، ރޭ އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އިމްރާން އަބްދުﷲ ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދެމުން ،ކޯޓުން ވަނީ މިމައްސަލައިގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި އޭނާ ބެހެއްޓުމަށް އަމުރުކޮށްފައެވެ.