ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކޮށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި


ފަސް އަތޮޅުގެ މެޖިސްޓްރޭޓުންނާއި ލީގަލް އޮފިސަރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކޮށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބ.އޭދަފުށީގައި ފަށައިފިއެވެ.

ރ،ބ،ޅ ކ، އަދި އދ މި ފަސް އަތޮޅުގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށާ ލީގަލް އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްޢުސްތާޒް އަޙުމަދު މާޖިދު ވިދާޅުވީ ޖިނާއީ އިޖުރާތުގެ ޤާނުގައި ބަޔާންކޮށްފައިވާގޮތަށް މިނިވަންކަމާއެކީ ޝަރީއަތްކޮށްގެން ނޫންގޮތަކަށް އެއްވެސް މީހަކަށް އެއްވެސް އަދަބެއް ދެވިގެން ނުވާނެކަމަށެވެެ. އެހެންނަމަވެސް ރާއްޖޭގެ މީޑިއާއިން ޖިނާޢީ މައްސަލައެއްގައި މީހަކާ މެދު ތުހުމަތުކުރެވޭ ހިސާބުން އެމީހާގެ އަބުރު ގެއްލޭގޮތައް ޢަމަލު ކުރަމުންދާކަމީ ހިތާމަ ހުރިކަމެއްކަމަށެވެ. މި ޓްރެއިނިންގެ ތެރެއިން ޙާސިލް ކުރަންޖެހޭ ކަންކަމުގެ މައްޗައް މާޖިދުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކްރިމިންލް ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޙައިލަމް ވިދަޅުވީ، ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާމެދު އިންސާނިއްޔަތުކަމާއެކު މުޢާމަލާތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާ، އަދަބު ކަނޑައަޅަނީ އެމީހާ ދެވަނަ ފަހަރަށްވެސް މުޖުތަމައުއަށް ރަގަޅު މީހެއްގެ ގޮތުގައި ނެރެން ބާރުއެޅުމުގެގޮތުންކަމަށެވެ. އަދި އަދުލުވެރި ނިޔާއަކާ ނުލައި އިންސާފުވެރި ނިޔާކަނޑަނޭޅޭނެކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް ބ.އޭދަފުށީގައި ކުރިއަށްގެންދާ މިބައްދަލުވުމުކީ، ޤަޟާއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާއި ލީގަލް އޮފިސަރުން ތަމްރީންކޮށް ވިލަރެސް ކުރުވުމަށް ބާއްވާ ބައްދަލުވުމެކެވެ.