ކުޅިވަރު

މިލާން އެކަޑަމީގެ އަހަރީދުވަހުގެ މުނާސަބަތުގައި ކުޅުނު މެޗު ކުރީގެ ތަރިން ކާމިޔާބުކޮށްފި


މިލާން ކްރިކެޓް އެކަޑަމީއަށް 10އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ކްރިކެޓް މެޗެއް ކުޅެފިއެވެ.

މި ޚާއްސަ ކްރިކެޓް މެޗް ޝަރަފްވެރި ކޮށްދެއްވީ، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ބާނީ، ކެނެރީ ޢަބްދުއްސައްތާރެވެ. މީގެއިތުރުން މި މެޗް ބައްލަވައިލެއްވުމަށް ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިހާއި ނާއިބުރައީސް ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙުމަދު މަޚްލޫފް އާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމެޗް ފެށުމުގެ ކުރިން މިލާން ކްރިކެޓް އެކަޑަމީގެ ފައުންޑަރ އަދި ރައީސް ފަރުހަތް ޖަލީލްގެ ބައްޕަ އަލްމަރްހޫމް އަހުމަދު ޖަލީލްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއްވަނީ ގެނެސްފައެެވެ. މި ޚާއްސަ މެޗުގައި ވާދަކުރީ މިލާން ކްރިކެޓް ކުލަބާއި، ރާއްޖޭގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ ޓީމެކެވެ. މިމެޗު 42 ލަނޑުން ކާމިޔާބުކުރީ ކުރީގެ ކްރިކެޓް ތަރިންގެ ޓީމުންނެެވެ.

މެޗުގެ ޓޮސް ދިމާވުމުން މިލާން ކްރިކެޓް ކުލަބުން ނިންމީ އުކާށެވެ. އެގޮތުން ފުރަތަމަ އިނިންގްސްގައި ކުރީގެ ކްރިކެޓް ކުޅުންތެރިންގެ ޓިމުން ވަނީ ކުޅެންއަރައި، 50 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހަދާފައެވެ. ޖަވާބުގައި ކުޅެން އަރައި މިލާން ކްރިކެޓް ކުލަބަށް 50 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރީގެ ކްރިކެޓް ތަރިންގެ ޓީމުން 4 ވިކެޓް ނެގި އިސްމާއިލް ނިހާދެވެ.

މެޗައްފަހު ބަލިވި ޓީމުގެ ކުޅުންތެރިންނަށް ރިހި މެޑަލްއާއި ހަނދާނީ ފިލާ ހަވާލުކޮސްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. އަދި މެޗު ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނަށް ރަން މެޑަލާއި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ. އަދި މެޗު ކާމިޔާބުކުރި ޓީމަށް، އަލްމަރްހޫމް އަޙުމަދް ޖަލީލްގެ ހަނދާނީ އައްޑަނަ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ކެނެރީ ޢަބްދުއްސައްތާރެވެ.

މިލާން ކްރިކެޓް އެކަޑަމީންވަނީ ވޭތުވެދިހަ 10 އަހަރުގެ ތެރޭގައި ދިވެހި ކްރިކެޓް ކުރިއެރުވުމަށް އެކި މަސައްކަތްތައް ކޮށްފައެވެ.