ކުޅިވަރު

"އެޓޯލް އެޑްވެންޗާސް ލަބެރަ ބޮޑީބޯޑިން ޗެލެންޖް"ގެ ޗެމްޕިއަންކަން ޚުޝްރުވާން ހޯދައިފި


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ބޭއްވި "އެޓޯލް އެޑްވެންޗާސް ލަބެރަ ބޮޑީބޯޑިން ޖެލެންޖް"ގެ ޕްރޯން ޑިވިޝަނާއި ޑްރޮޕް ނީ ޑިވިޝަންގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ބޮޑީބޯރޑަރ ޢަލީ ޚުޝްރުވާން އަޙުމަދު ހޯދައިފިއެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މިމުބާރާތުގެ ޑްރޮޕް ނީ ޑިވިޝަންގެ ޗެމްޕިއަންކަން ޢަލީ ޚުޝްރުވާން އަޙުމަދު ހޯދީ ފައިނަލް ހީޓުގައި އިޖާޒް ޝަރީފާއި ސައިފާ ވާދަކޮށެވެ. ޑްރޮޕްނީ ޑިވިޝަނުން ދެވަނަ ހޯދީ އިޖާޒް ޝަރީފެވެ. އަދި ތިންވަނަ ހޯދީ ސައިފެވެ. ޕްރޯން ޑިވިޝަންގެ ޗެމްޕިއަންކަން ޢަލީ ޚުޝްރުވާން އަޙުމަދު ހޯދީ ފައިނަލް ހީޓުގައި ވާދަވެރި ދެބޮޑީބޯޑަރުން ކަމަށްވާ އަސްވާން މުޙައްމަދާއި އަޙުމަދު ނަޒްވާނާއި ވާދަކޮށްގެންނެވެ. ޕްރޯން ޑިވިޝަނުން ދެވަނަ ހޯދީ އަސްވާން މުޙައްމަދެވެ. އަދި ތިންވަނަ ހޯދީ އަޙުމަދު ނަޒްވާނެވެ.

މިފަހަރުގެ ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައި 22 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެގޮތުން ޑްރޮޕް ނީ ޑިވިޝަންގައި 8 ރާޅާއެޅުންތެރިން ވާދަކުރިއިރު ޕްރޯން ޑިވިޝަންގައި 18 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ. މިފަހަރުގެ މުބާރާތަކީ ބުރިޖުގެ މަސައްކަތްތަކަށް ރާޅުގަނޑު ސަރަހައްދު ބަންދުކުރިފަހުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެޓްލް އެޑްވެންޗާސްއެވެ.