ޚަބަރު

"ޑަބްލިއުޓީއޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް"ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުންދީފި


"ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރުހުންދިނުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި. މިގޮތަށް މަޖިލީހުން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާޤުންނެވެ.

"ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް"ގައި ރާއްޖެއިން ބައިވެރިވުމުގެ އެއްބަސްވުމަކީ މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމުގައި ޑޮކިއުމަންޓް މަދުކޮށް ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ޑަބްލިއުޓީއޯ މެންބަރު ޤައުމުންތަކުން ވެވޭ އެއްބަސްވުމެކެވެ. މީގެ އިތުރުން މުދާ ކްލިއަރކުރުމާއި މުދާ ޓްރާންސިޓްކުރުމާއި ލުއިފަސޭހަގޮތްތަށް ހޯދުމަށާއި، މުދާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހުރި ދަތިތައް ނައްތާލުމަށްވެސް މި އެއްބަސްވުން ބާރުއަޅައެވެ. އަދި މުދާ އެކްސްޕޯޓްކުރުމުގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލާގައި ފާހަގަކުރައްވާފައިވަނީ ރާއްޖެއަކީވެސް ޑަބްލިއުޓީއޯ މެންބަރު ޤައުމެއްކަމުން މި އެއްބަސްވުމަށް ޢަމަލުކުރުން ލާޒިމްކުރާކަމަށެވެ. އަދި މި މައްސަލާގައި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރަކާއި، ޤާނޫނީގޮތުން ކުރާނެ އަސަރުތަކާއި މިއެއްބަސްވުމުން ރާއްޖެއަށް ކުރާނެ ފައިދާވެސް ބަޔާންކުރައްވާފައިވެއެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި މަޝްވަރާކޮށް ވަޒީރުންގެ މަޖިލީހުންވެސް މި އެއްބަސްވުމަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލާގައި ބަޔާންކުރައްވާފައިވެއެވެ.