ސިޔާސީ

އަލަށް ކައިވެނިކުރާ ފަރާތްތަކަށް ގެދޮރުދިނުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް ހުށަހަޅައިފި


ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ހަޔާތް ފަށާ ފަރާތްތަކަށް ގޯތި ގެދޮރު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ. މީގެ އިތުރުން "ވެށިފެހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެއިން ބިންކޮޅު ދޫކޮށްލި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިފައި ނުވާތީވެސް ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅާފައެވެ.

ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ހަޔާތް ފަށާ ފަރާތްތަކަށް ގޯތި ގެދޮރު ދިނުމަށް ގޮވާލާ ޤަރާރު ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. މި ޤަރާރުގައި ބަޔާންކޮށްފައިވަނީ ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ޙައްޤުން މަޙުރޫމްވެފައިވާކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ޢާއިލާތަކެއް ބިކަވެ، ޙާލުގައި ޖެހެމުންދާކަމަށާއި، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭކަމަށްވެސް މި ޤަރާރުގެ މަޤްޞަދުގައި ބަޔާންކޮށްފައިވެއެވެ.

މި ޤަރާރުގައި އަލަށް ޒަވާޖީ ހަޔާތް ފަށާ، ދިރިއުޅުމަށް ނިކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާ، އެފަދަ ފަރާތްތަކަށް ގެދޮރުގެ ތަނަވަސްކަން ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ރަށްރަށުގެ ތެރެއިން ގޯތިދެވޭވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ ފަރާތްތަކަށް ގޯތިދޫކުރުން ލާޒިމްކޮށް، ދިވެހި ރައްޔިތުންނަށް ޙައްޤުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދިނުމަށް ފެންނަކަމަށްވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށައަޅުއްވާފައިވާ ޤަރާރަކީމާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިަށް ގެންގޮސްފައިވާ "ވެށިފެހި މާލެ" ޕްރޮގްރާމްގެދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށާއި، ގުޅީ ފަޅުން ގޯތި ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާތީ ހުށަހަޅާފައިވާ ޤަރާރެކެވެ. މި މައްސަލައަކީ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެންނަން ހުށައެޅި ޤަރާރެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޝަރީފް ހުށައެޅުއްވި މި ޤަރާރުގައި ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ އަސާސީ އަދި އިޖްތިމާޢީ ޙައްޤެއްކަމަށާއި، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެ ޙައްޤު ރައްޔިތުންނަށް ހޯދޭނެ މަގު ފަހިކޮށްދިނުމަކީ ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށް ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ.

މާލެއަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ މީހުން ތޮއްޖެހިފައިވާ ތަނަކަށްވާތީ އެކަމުގެ ސަބަބުން މާލޭގައި ބިންކޮޅެއް އޮވެ ބިންކޮޅު ކުޑަވުމުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތި ބޯހިޔާވަހިކަމުގެ ހައްޤުން މާލޭގެ ގިނަ ރައްޔިތުން މަޙުރޫމްވެފައިވާކަމަށްވެސް މި ޤަރާރުގައި ބުނެފައިވެއެވެ. އަދި އެކަމުގެ ޙައްލެއްގެ ގޮތުން "ވެށިފެހި މާލެ" ޕްރޮގްރާމްގެ ނަމުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ހިންގާފައިވީނަމަވެސް އެ ފަރާތްތަކުގެ މިލްކިއްޔާތުގައި މާލޭގައި ހުރި ކުދި ބިންކޮޅުތައް އެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލަންޖެހި އެ ބިންކޮޅު ދޫކޮށްލާފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އެޖެންޑާ 19 ގެ ވަޢުދެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޤަރާރުގައި ގޮވާލާ ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އަވަސްކުރުންވެސް ހިމެނެއެވެ. އަދި އެ ބިލްގައި މާލޭގެ ރަށްވެއްސަކަށްވެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުމަށާއި، ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ނުވަތަ ތިލަފުށިން އެކަށީގެންވާވަރުގެ ފްލެޓް ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުތައް އެ ބިލުގައި ކަނޑައެޅުމަށްވެސް ގޮވާލާފައިވެއެވެ. އަދި "ވެށިފެހި މާލެ" ޕްރޮގްރާމް ހިންގާނެ އުސޫލުވެސް އެ ބިލުގައި ކަނޑައެޅުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ.

އެހެންކަމުން މިކަންކަން ހާސިލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން މިކަމުގައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރުމުގެ މުހިންމުކަން ފާހަގަކޮށް ސަރުކާރުން މިކަމަށް ޙައްލެއް ހޯދައިދިނުމަށްވެސް ބާރުއަޅާފައިވެއެވެ.