ސިޔާސީ

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ 4 ފަނޑިޔާރުން ކުރިމަތިލައްވައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ 4 ފަނޑިޔާރަކު ކުރިމަތިލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުށައަޅުއްވާފައިވާއިރު، އެ ދެނަންފުޅު ބަލައިގަތުމަށް ނިންމަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލައްވާފައިވާ ހައިކޯޓްގެ ހަތަރު ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޢަބްދުﷲ ޙަމީދު ވަނީ މަދަނީކޯޓުގެ ޤާޟީކަންވެސް ފުރުއްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުﷲ ޙަމީދު އިސްކުރެއްވީ 2007 ވަނަ އަހަރުއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރ ކަމާއި ޚާއްޞަ ޤާޟީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަން ކުރައްވާފައެވެ. ޝުޢައިބު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ވަނީ މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން މީގެ ކުރިން އަދާކުރައްވާފައެވެ. ޢަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުއެވެ.

ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރައްވާފައިވެއެވެ. ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒު ހައިކޯޓްގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ތެރޭގައި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން ހަތް އަހަރު މަސައްކަތްކުރައްވާފައިވާ ފަރާތަކަށް ވާންޖެހެއެވެ. މިހާތަނަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުންނަކީވެސް ހައިކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞާތު ހަމަވެފައިވަނީ މިއަދު މެންދުރު ބާރަ ޖެހިއިރުއެވެ.