ފޮރިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހުޅުމާލޭ ފެރީޓަރމިނަލް ކައިރީ ހުރި އެމްޓީސީސީގެ ޢިމާރާތަށް ބަދަލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ބަދަލުކޮށްފައި މިވަނީ މިނިސްޓްރީގެ ޢިމާރާތުގެ ޖާގަ އިތުރުކޮށް ޢިމާރާތް އިތުރަށް މަރާމާތުކުރުމަށްޓަކައިކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން ފޯރުކޮށްދޭ ކޮންސިއުލާ ޚިދުމަތްތައްވެސް ވަގުތީ އިމާރާތުން ލިބޭނެކަމަށެވެ.
ފޮރިންގ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ބަދަލުކޮށްފައިވަނީ ހުޅުމާލޭ ފެރީޓަރމިނަލާއި އިންވެގެން ހުރި އެމްޓީސީސީގެ ޢިމާރާތަކަށެވެ. ފޮރިންގ މިނިސްޓްރީން ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު މިނިސްޓްރީގެ މަސައްކަތް އެ އިމާރާތުގައި ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. އަދި މިނިސްޓްރީގެ މައި ޢިމާރާތުގެ މަސައްކަތްތައް ނިމުނުހައި އަވަހަކަށް މިނިސްޓްރީގެ މަސައްކަތްތައް މައި ޢިމާރާތަށް ބަދަލުކުރާނެކަމަށެވެ.
ފޮރިންގ މިނިސްޓްރީގެ ޖާގަ އިތުރުކޮށް ޢިމާރާތް މަރާމާތުކުރުމަށް މިދިޔަ އަހަރުވަނީ ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއެއްބަސްވުމާއެކު މިނިސްޓްރީއަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ މިހާރު ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް އިތުރު ޚިދުމަތްތައްވެސް މިނިސްޓްރީ މެދުވެރިކޮށް ދޭން ފަށާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.