ޚަބަރު

މާޕުން އެޗްއާރު ސެޝަނެއް އައްޑޫ ސިޓީގައި ބާއްވައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެނަލަސް (މާޕް) އިން އައްޑޫގައި ދަ ގްރޭޓް އެޗް އާރް ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަން އައްޑޫގައި ބާއްވައިފިއެވެ.

އައްޑޫސިޓީ އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫން ހޯލުގައި ކުރިއަށް ގެންދިޔަ މިސެޝަންގައި 130 މީހުން ބައިވެރިވެފައިވާ ކަމަށް މާޕްއިން މައުލޫމާތުދެއެވެ. މިސެޝަނުގެ ތެރޭގައި މައިގަނޑު 2 ކީނޯޓް ސްޕީޗް ދީފައިވެއެވެ. މި ސެޝަނުގައި ކީ ނޯޓު ދެއްވި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް އެޗްއާރް ބިޒްނަސް ޕާޓްނާ އަޙްމަދު އިބްރާހީމް ކީނޯޓު ދެއްވީ މަސައްކަތުގެ މާޙައުލުގައި އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި ގުޅޭގޮތުންނެވެ. އަދި ދެވަނައަށް ކީނޯޓު ދެއްވި ޔުނިވާސަލް އެންޓަޕްރައިޒެސްގެ ޖެނެރަލް މެނޭޖަރ - އެޗްއާރް ޢަލީ އާދަމް ވާހަކަ ދެއްކެވީ، މަސައްކަތު މާޙައުލުގައި ދިމާވާ އަޚްލާގީ މައްސަލަތައް ހައްލު ކުރުމާއި ގުޅޭ ގޮތުންނެވެ.

ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިސެޝަނުގައި، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާ ލެވޭނެ ގޮތްތަކާއި އެންމެންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި ގުޅޭ ގޮތުން ބައިވެރިންގެ ޚިޔާލާކު ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިސެޝަނާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާޕުގެ ރައީސް ޙުސައިން އަފީފް ވިދާޅުވީ، މިއީ އެ ޖަމްޢިއްޔާއިން އައްޑޫގައި ބޭއްވި ފުރަތަމަ ސެޝަން ކަމަށެވެ. އަދި ސެޝަނަށް ހާޒިރުވި މީހުންގެ އަދަދަށް ބަލާއިރު މިސެޝަނުގެ ކާމިޔާބީ ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަފީފް ވިދާޅުވީ، މިފަދަ ސެޝަންތައް ރާޢްޖޭގެ އެހެން ސަރަހައްދުތަކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އައްޑޫގައި ދެން އެ ޖަމްޢިއާއިން ކުރިއަށް ގެންދަން ނިންމާފައިވަނީ، ލީޑަރޝިޕް ޑިވެލޮޕްމަންޓާ ގުޅޭ ހަރަކާތްތަކެއް ކަމަށެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެނަލަސް (މާޕް)އަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޖަމްޢިއްޔާއެވެ. އެޖަމްޢިއްޔާއިން ދަނީ މިދާއިރާއިން ޒުވާނުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް އެކި ވޯރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ.