ޚަބަރު

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް ރާއްޖެ ވަޑައިގެންފި


ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް ރާއްޖެ ވަޑައިގެންފިއެވެ.

މި ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ ކެޓަލައިނާ ސަޕްލޯއެވެ. ކޮމަންވެލްތު ޓީމުގެ މިދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާއެކު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެ ވަޑައިގެންފައިވަނީ އެޖަމާޢާތުގެ މެމްބަރުކަން އަލުން ދިވެހިރާއްޖެއަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ޑިސެމްބަރުމަހު އެދިވަޑައިގަތުމާއި ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް ކޮމަންވެލްތުގެ އޮބްޒާވަރ ގްރޫޕެއް ރާއްޖެ ވަޑައިގެން، އިންތިޚާބުގެ ކަންކަން ހިނގި ގޮތާއިމެދު ހިތްހަމަޖެހޭކަމަށްވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުގެ ޓީމެއް ރާއްޖެ ވަޑައިގެންފައި މިވަނީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހުވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް އަރުވާފައެވެ.

އެޖަމާޢަތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހި އެކި ފިއްތުންތައް ކުރިމަތިކުރުވަމުންދާކަމަށްބުނެ ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެވަކިވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ރާއްޖެ އެޖަމާޢަތުގެ މެމްބަރު ޤައުމަކަށްވީ 1982 ވަނަ އަހަރުގައެވެ.