ޗައިނާއާއި އެމެރިކާއިން އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް އަނެއްކާވެސް ބޮޑުކޮށްފިއެވެ.
އެމެރިކާއާއި ޗައިނާއިން އެ ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޓެރިފް ބޮޑުކޮށްފައިވާއިރު، މިފަހަރު ފުރަތަމަ ޓެރިފް ބޮޑުކުރީ ޗައިނާއިންނެވެ. ޗައިނާއިން ވަނީ އެމެރިކާއިން ޗައިނާއަށް އެތެރެކުރާ 75 ބިލިއަނެއްހާ ޑޮލަރުގެ މުދަލުން ނަގާ ޓެރިފް ބޮޑުކޮށްފައެވެ.
އެމެރިކާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުން އެމެރިކާއިންވެސް ވަނީ ބަދަލުގައި ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުންވެސް ނަގާ ޓެރިފް ބޮޑުކޮށްފައެވެ. އެގޮތުން ޗައިނާއިން އެތެރެކުރާ 550 ބިލިއަން ޑޮލަރުގެ މުދަލުން އިތުރު ފަސް ޕަސަންޓުގެ ޓެރިފެއް ނަގަން ވަނީ ނިންމާފައެވެ.
އެމެރިކާއިން ބުނީ 550 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުގެ އިތުރުން، މިހާރު 25 ޕަސަންޓުގެ ޓެރިފް ނަގަމުންދާ 250 ބިލިއަން ޑޮލަރުގެ މުދަލުގެ ޓެރިފް 30 ޕަސަންޓަށް ބޮޑުކުރާނެކަމަށެވެ.
ޗައިނާއާއި އެމެރިކާގެ ނިންމުންތައް އައިރު ހަފްތާ ބަންދަށް ހިއްސާގެ ބާޒާރުތައް ބަންދުކޮށްފީނަމަވެސް، އަންނަ ހަފްތާގައި ހިއްސާގެ ބާޒާރުތައް ހުޅުވުމުން އެމެރިކާއާއި ޗައިނާ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އަސަރުތައްކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާއާއި އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުން ބޮޑެތި ވިޔަފާރި ކުންފުނިތަކުންވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ވިޔަފާރި ކުންފުނިތަކުން ބުނާގޮތުން މިފަދަ ނިންމުންތަކުގެ ސަބަބުން ވިޔަފާރި ޕްލޭންތައް ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަމަށެވެ. އަދި މިކަމަށް ނިމުމެއް އަންނާނެ އިރެއް ނޭނގޭއިރު، ވިޔަފާރިތަކުގެ ކުރިމަގު އޮތީ ނޭގުމެއްގެ ތެރޭގައިކަމަށް ބޮޑެތި ކުންފުނިތަކުން ބުނެއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީ ހަނގުރާމަ ހައްލުކުރުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދިޔަނަމަވެސް، މިހާތަނަށް އެމަޝްވަރާތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު އެބައޮތްކަމަށް އިޤްތިޞާދީ މާހިރުން ދަނީ ބުނަމުންނެވެ.
ޚަބަރުތައް ބުނާގޮތުން އަންނަ ހަފްތާގައި ޖީ ސެވަންގެ ޤައުމުތަކުގެ އިސްވެރިންނާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައްދަލުކުރައްވާނެއެވެ. އެބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ވިޔަފާރިއާއި އިޤްތިޞާދީ މައްސަލަތަކާ ގުޅޭގޮތުންކަމަށް ޚަބަރުތައް ބުނެއެވެ.