ޚަބަރު

ލައިފް ފެނުގައި މައްސަލައެއް ނެތް، މައްސަލަ ދިމާވީ ފުޅިތަކަށް


ލައިފް ފެނުގައި މައްސަލަޖެހުނީ ފުޅިތަކުގެ މައްސަލައަކުން ކަމަށާއި އެ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބުނެފިއެވެ.އެ އޮތޯރިޓީން ބުނީ  ލައިފް ފެނުގައި މައްސަލަތަކެއް ހުރި ކަމަށް އެ އޮތޯރިޓީއަށް ޝަކުވާ ލިބުމާ ގުޅިގެން އެ ފެކްޓަރީ ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަހުގީގުން އެނގުނު ގޮތުގައި އެ މައްސަލަ ކުރިމަތިވީ ފުޅީގައި ހުރި ވަހަކުން ކަމަށެވެ. ފެނުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.އެ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ދިން ލަފަޔާއެއްގޮތަށް އިސްލާހު ކުރުމަށްފަހު އަލުން އެ ފެކްޓަރީގައި މަސައްކަތް ފަށާފައިވާ ކަމަށް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މައުލޫމާތުދެއެވެ.ލައިފް ފެން އުފައްދަނީ  އިންޓަނޭޝަނަލް ބެވެރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.އެ ކުންފުނިން ބުނީ ލައިފް ބްރޭންޑުގެ ކޮންމެ ބެޗެއް ވެސް ވިއްކުމަށް ނެރެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކޮށް އެއީ އިންސާނުން ބުއިމަށް ކަމުދާ ފެންކަމުގެ ޔަގީންކަން އެ ލެބޯޓަރީން ލިޔުމުން ދިނުމުން ކަމަށެވެ.