ވިޔަފާރި

ށ.އަތޮޅު ކައުންސިލުން އެމް.އައި.ބީގެ ހިއްސާ ގަންނަނީ


މޯލްޑިވްސް އިސްލާމިކް ބެންކް، އެމްއައިބީގެ 3 މިލިއަން ރުފިޔާގެ ހިއްސާ ގަތުމަށް ށ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އެމްއައިބީގެ ހިއްސާ ގަންނަނީ ކައުންސިލްގެ ރިޒާވުންނާއި، ޓްރަސްޓް ފަންޑުގެ މަދަދު ލޯނު ޕްރޮގްރާމްގެ ފައިސާއިންކަމަށް ށ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އެގޮތުން ކައުންސިލުގެ ރިޒާވުން ދެ މިލިއަން ދުއިސައްތަ ރުފިޔާއާއި، ޓްރަސްޓް ފަންޑުގެ މަދަދު ލޯނު ޕްރޮގްރާމްގެ ތެރެއިން އެއްމިލިއަން ރުފިޔާ އާއެކު ޖުމްލަ ތިން މިލިއަން ދުއިސައްތަ ރުފިޔާއަށްވާ ހިއްސާ ގަތުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.

ހިއްސާއެއްގެ މޫނުމަތީއަގު 35 ރުފިޔާއިން ބަލާނަމަ މިއީ 85720 ހިއްސާއެވެ. ށ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 114 ވަނަ ޢާއްމު ޖަލްސާގައެވެ. މޯލްޑިވްސް އިސްލާމިކް ބެންކުން ހިއްސާ ވިއްކަން ފެށުމާއެކު ގިނަ ކުންފުނިތަކާއި އާންމު ފަރުދުންވެސް އަންނަނީ އެ ބެންކުގެ ހިއްސާ ގަންނަމުންނެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވަނީ ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ. މިއީ އެކުންފުނިން ހިއްސާ އާއްމުންނަށް ވިއްކަން ފެށި ފުރަތަމަ ފަހަރެވެ. އެމްއައިބީއިން މުޅިން އަލަށް ހިއްސާ ވިއްކަން ފަށާފައިވާއިރު ޖުމްލަ 6.9 މިލިއަން ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނީގެ 31 އިންސައްތަ ހިއްސާއެވެ. ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.