ކުޅިވަރު

ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ޙަޔާތުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުން - ލޯންގޭ


ޤައުމީ ވޮލީބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ އޭނާގެ ޙަޔާތުގައި ނިންމި އެންމެ އެނދަގޫ އެއް ނިންމުންކަމަށް ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފިއެވެ.

17 އަހަރު މެދުކެނޑުމެއް ނެތި ޤައުމީ ވޮލީބޯޅަ ޓީމަށް ކުޅުނު ލޯންގޭގެ އެންމެފަހު މެޗަކަށްވީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޮވަން ދިވެހިރާއްޖެއާއި ތުރުކެމެނިސްތާން ބައްދަލުކުރި މެޗެއެވެ. މިމެޗަށްފަހު އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ)ވަނީ ޤައުމީ ޖާޒީ ބާލާފައެވެ.

ނޭޕާލްގައި ހުރެ ވާހަކަދައްކަމުން ލޯންގޭ ބުނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ މިހާރުގެ ހާލަތު އޮތްގޮތުންނާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ރަނގަޅު އެޓިޓިއުޑާއި ރަނގަޅު ފުރުސަތުތަކާއެކު މިހާރު އޮތް ޓީމު އިތުރަށް ވަރުގަދަކޮށްގެން ޤައުމީ ޓީމަށް ރަން މެޑަލެއް ހޯދިދާނެކަމަށާއި، ހިތް އަބަދުވެސް އޮންނާނީ ގައުމީ ޓީމާ އެކުކަމަށް ވ.ކެޔޮދުއަށް އުފަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުންޏެވެ.

ލޯންގޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިޢުލާނުކުރީ މާލޭގައި މިމަހު 13ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހުއެވެ. އެ މެޗަށްފަހު ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ލޯންގޭގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަތްޕުޅުން ވަނީ ހަނދާނީ ފިލައެއް ލޯންގޭ އަށް ދީފައެވެ.

އޭނާ ވޮލީ ކުޅެންފެށީ މާލޭ އިންގްލިޝް ސުކޫލުގައި ތަޢުލީމް ޙާސީލުކުރަން އުޅުނުއިރު 2001ވަނަ އަހަރުއެވެ. އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ 2004ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްއެވެ. އެ މުބާރާތުގައި އޭނާ ޤައުމީ ޓީމުން ޖާގަ ހޯދިގޮތަށް މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ޤައުމީ ސްކޮޑުން އޭނާ ބާކީވެފައެއް ނުވެއެވެ. އަދި ޢައުމީ ޓީމަށް މެދުނުކެނޑި 17 އަހަރު ކުޅެފައިވެއެވެ. މިހާތަނަށް ދިވެހި ވޮލީ ޓީމުގައިހުރި އެންމެ ސީނިއަރ އަދި ޚިދުމަތުގެ ގޮތުން ވެސް އެންމެ ދޮށީ ކުޅުންތެރިޔަކީ އޭނާއެވެ.

އޭނާވަނީ ގައުމީ ޓީމަށް ކުޅެ ޓީމާއިއެކު 2 ފަހަރު ރިހި މެޑަލް އަދި 2 ފަހަރު ބުރޯންޒް މެޑަލް ހޯދާފައެވެ. މީއީ މިހާތަނަށް ރާއްޖޭގެ ޤައުމީ ވޮލީޓީމަށް ވެސް ހޯދުނު އެންމެ މަތީ ކާމިޔާބީތަކެވެ. އޭނާވަނީ ހަވީރުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް 2 ފަހަރު ހޯދައި 4 ފަހަރެއްގެ މަތިން އެއެވޯޑަށް ވާދަކޮށްފައެވެ.

މޯލްޑިވިސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ވަޒީފާ އަދާކުރާ އަހުމަދު ޢަބްދުލްކަރީމްވަނީ އެތައް މުބާރާތެއްގައި އެންމެ މޮޅު ބްލޮކަރުގެ މަގާމާއި ، އެންމެ މޮޅު ސާވާރގެ މަގާމާއި ، އެންމެ މޮޅު ސްޕައިކަރުގެ އިތުރުން ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިއެވެ.

މިހާތަނަށް ރާއްޖޭގެ ވޮލީބޯޅަ ޓީމުގެ ކެޕްޓަންކަން 2 ފަހަރެއްގެ މަތިން އޭނާވަނީ ކޮށްފައެވެ. ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޤައުމީ ޓީމްގެ ކެޕްޓަންކަންވެސް ކޮށްފައިވަނީ ލޯންގޭއެވެ. އަދި ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމްވެސް 2018ވަނަ އަހަރު އޭނާއަށްވަނީ ލިބިފައެވެ.