ކުޅިވަރު

މެޑަލެއް ހޯދަން އަދި ވަރަށްގިނަ މަސައްކަތް ކުރަންޖެހޭ - ހުޒާމް


ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމު މެޑަލެއް ހޯދުމަށްޓަކައި އަދި ވަރަށްގިނަ މަސައްކަތް ކުރަންޖެހޭކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ޢަލީ ހުޒާމް ބުނެފިއެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޯލީބޯލް ޗެމްޕިއަންޝިޕުން މެޑަލްއެއް ނުލިބި ރާއްޖެ މުބާރާތް ނިންމާލީ ހުސްއަތާއެވެ. މި މުބާރާތަކީ ޢަލީ ހުޒާމްގެ ކެޕްޓަންކަމުގެ ދަށުން ޤައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މުބާރާތެއެވެ.

މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ރާއްޖެއަށް މޮޅެއް ހޯދުނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލާ ވާދަކުރި މެޗުން އެކަންޏެވެ. ނެޕާލް ބަލިކޮށް ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރި ނަމަވެސް އުޒްބެކިސްތާން އަތުން ބަލިވެ ފައިނަލަށް ދިއުުމުގެ ފުރުސަތު ރާއްޖެއަށް ބަންދުވިއެވެ. އެހިސާބުން މެޑަލެއް ހޯދުމަށް ރާއްޖެެއަށް އޮތް ހަމައެކަނި ފުރުސަތަކަށްވީ، ތިންވަނަ ހޮވާ މެޗުގައި ތުރުކެމެނިސްތާންގެ މައްޗަށް ކުރި ހޯދައި ބްރޯން މެޑަލް ހޯދުމަށް ލިބުނު ފުރުސަތެވެ. ނަމަވެސް މިމެޗުންވެސް ރާއްޖެވަނީ ސީދާ 3 ސެޓުން ބަލިވެ މުބާރާތް ނިންމާލަން ޖެހިފައެވެ.

ތިންވަނަ ހޮވަން ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކެޕްޓަން ހުޒާމް ބުނީ، މެޑަލްއެއް ނުލިބި މުބާރާތް ނިންމާލަން ޖެހުމުން ދެރަވާކަމަށާ، ޓާގެޓަށް ވާސިލް ނުވެވުމުން ދިވެހި ސަޕޯޓަރުންގެ ކިބައިން މަޢާފަށްއެދޭކަމަށެވެ.

ހުޒާމް ބުނީ ކުރިޔަށް އޮތް ތަނުގައި ރާއްޖެ މެޑަލަކާ ހިސާބަށް ދިއުމަށް ވަރަށްގިނަ މަސައްކަތް ކުރަންޖެހޭކަން މިމުބާރާތުން ފާހަގަވެގެން ހިގައްޖެކަމަށެވެ. އެގޮތުން ޓީމުގެ ތެރޭގައިހުރި ކުދިކުދި މައްސަލަތައް ރަނގަޅުވާނީ ވަރަށް ގިނަ ދުވަހު ފަރިތަކޮށްގެންކަމަށާ، އެހެންނޫނީ މެޑަލްއަކާ ހިސާބަށް ނުދެވޭނެކަމަށެވެ.

"ދެން އަސްލު ވަރަށް ދެރަވޭ މިޓާގެޓް ހާސިލް ނުވީމަ. ދެން ދިވެހި ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮަޑަށް މާފަށް އެދެން އަޅުގަނޑުމެން. ކުރިިޔަށްއޮތްތާ އަޅުގަނޑުމެން މެޑަލް އަކާއި ހަމައަށްދާން ވަރަށް ބައިވަރު މަސައްކަތް ކުރަންޖެހޭކަން މި މުބާރާތުން ފާހަގަވެއްޖެ. ވަރަށް ބައިވަރު ކުދިކުދި މިސްޓޭކްސް ހެދިގެން މުބާރާތުގައި ނަތީޖާ ނެރެން ލިބި ނުނެރެވި މިދިޔައީ. ވަރަށް ގިނަ ދުވަހު ޕްރެކްޓިސްކޮށްގެން މިކަންކަން ރަނގަޅުކޮށްގެން މެޑަލްއަކާއި ހިސާބަށް ދެވޭނީ" ކެޕްޓަން ހުޒާމް ބުންޏެވެ.

ޓީމުގެ ސްކޮޑާ ގުޅޭގޮތުން ވާހަަކަދައްކަމުން ހުޒާމް ބުނީ، މިޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާ، ޕްރެޝަރުގައި ކުޅޭ މެޗުތަކުގައި ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއަކު ބެންޗުގައިވެސް ނެތްކަމަށެވެ. ހުޒާމް ބުނީ އޭނާ ދެކޭގޮތުގައި ޓީމުގައި ބެންޗަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، އެގޮތުން ތަޖުރިބާ ހުރި ކުޅުންތެރިން ހިމަނަންޖެހޭކަމަށެވެ. މުބާރާތެއްގައި ޖެހިޖެހިގެން ހަތަރު މެޗު އެއްބައެއް އަރުވައިގެން ކުުޅުމަކީ ނުވާނެކަމެއްކަމަށާ، ކޮންމެ މެޗަކަށްވެސް ނުކުންނަނީ ހަމަ އަބަދުވެސް އަރާ ހަ ކުޅުންތެރިން އޭނާ ފާހަގަކުރިއެވެ. ކުރިޔަށްއޮތް ތަނުގައި މެޑަލެއް ހޯދެން އޮތީ ޓީމަށް ބަދަލުތަކެއް ގެނަސްގެންކަމަށް ކެޕްޓަން ހުޒާމް ބުންޏެވެ.

"މި ޓީމަކީ ވަރަށް ޒުވާން ޓީމެއް. ޕްރެޝަރުގައި ކުޅޭ މެޗެއްގައި ބަދަލުކޮށްލެވޭ ފެންވަރަށް ތަޖުރިބާ ލިބިފައި ހުރި ކުޅުންތެރިއަކު ނެތް ބެންޗަކުވެސް. ޓީމަށް ބަދަލުތަކެއް ގެނަންޖެހޭ އެގޮތުން ތަޖުރިބާ ހުރި ކުޅުންތެރިން ބެންޗުގައި ތިބުން މުހިއްމު. ދެން މުބާރާތުގައި ޖެހިޖެހިގެން ހަތަރު މެޗު ކުޅެން ޖެހުނުއިރު އަރާ އެއް ބައެއް މިއަރަނީ ކޮންމެ ދުވަހަކުވެސް. އެހެންވީމަ އެއް ފެންވަރެއްގައި ނުކުޅެވިދާނެ ކޮންމެ މެޗެއްގައި." ކެޕްޓަން ހުޒާމް ބުންޏެވެ.

މިމަހު 19އިން މިއަދުގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 7 ޤައުމަކުން ވާދަކުރެއެވެ. މިއަަހަރުގެ މުބާރާތުގެ ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ ދަތުރުކުރި ދެ ޤައުމަކީ އުޒްބެކިސްތާނާއި ކިރްގިސްތާންއެވެ. ފައިނަލް މެޗު ކުޅޭނީ މިއަދުއެވެ.