ކުޅިވަރު

ކުޅުންތެރިން ކުޅުނީ މެޑަލް ހޯދަން ކުޅޭ ކަހަލަ ގޮތަކަށް ނޫން - ސާޖިދު


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ މެޑަލް ހޯދަން ކުޅޭ ކަހަލަ ކުޅުމެއް ނޫންކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ އޭވީސީ މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ބައްދަލުކުރީ ތުރުކެމެނިސްތާނާއި ދިވެހިރާއްޖެއެވެ. މި މެޗު ތުރުކެމެނިސްތާނުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ރަން މެޑަލް ހޯދުމަށް އަމާޒު ކަނޑައަޅައިގެން މިމުބާރާތަށް ރާއްޖެ ދިޔަ ނަމަވެސް ސެމީ ފައިނަލުގައި އުޒްބެކިސްތާން އަތުން ބަލިވެ ރާއްޖެއަށްވަނީ އެ ފުރުސަތު ގެއްލިފައެވެ. އެހިސާބުން ދެން އޮތް ހަމައެކަނި ފުރުސަތަކީ ބްރޯންޒް މެޑަލް ހޯދުމުގެ ފުރުސަތެއެވެ. ނަމަވެސް ތިންވަނަ ހޮވަން ކުޅުނު މެޗުގައި ރާއްޖެއަށް މާއެދެވޭ ކުޅުމެއް ދެެއްކިފައެއްނެވެއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނީ، ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު މިމެޗުގައި ކުޅުންތެރިން ކުޅުނީ މެޑަލް ހޯދަން ކުޅޭ ކަހަލަ ރޫހެއްގައި ނޫންކަމަށާ، ކޯޓު މަތީގައި އެކަމުގެ އެއްވެސް ކަމެއް ފެނިފައިނުވާކަމަށެވެ. ސާޖިދު ބުނީ ޓީމު ތެރޭގައި ނެތްކަމެއް އިތުރަށް ރަނގަޅުކުރަން ކުޅުންތެރިންނަށް މެޗު ތެރޭގައި ޕްރެޝަރ ކުރުމަށްވުރެ ނުކުރުން މާބުއްދިވެރިކަމަަށެވެ. ސާޖިދު ބުނީ މުޅި މުބާރާތައް ބަލާއިރުވެސް ރާއްޖެ ޓީމުން ފާހަގަވި އެއްކަމަކީ ބްލޮކްކުރުމުގެ މައްސަލަކަމަށެވެ. އަދި ކުޅުންތެރިންނާ ޗެލެންޖް ކުރާނެ އިތުރު ކުޅުންތެރިން ނެތި މިކަންކަން ރަނގަޅު ނުކުރެވޭނެކަމަށް ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

"ޖުމްލަކޮށް މުޅި މެޗައް ބަލާއިރު އަޅުގަނޑަށް ދެންނެވޭނީ، ކުޅުންތެރިން ކުޅުުނު ކުޅުމަަށް ބަލާއިރުގައި އެ ކުޅުނީ މެޑަލް ހޯދަން ކުޅޭ ކަހަލަ ރޫޙެއްގައެއް ނޫން. ދެން އަނެއްކާ ޓީމް ކޯޓު މަތީގައި އެއޮންނަ ފޯރި އެއްގޮތަކަށްވެސް ނުފެެނެ. ޓީމު ތެރޭގައި ނެތްކަމެއް ކިހިނެއް އަޅުގަނޑުމެން ރަނގަޅުކުރާނީ. އެހެންވީމަ ދެން ކުޅުންތެރިންނަށް އިތުރު ޕްރެޝަރެެއް ދިނުމަށްވުރެއް ނުދިނުންތާ ބުއްދިވެރީ. ދެން އަނެއްކަމަކީ ހުރިހާ މެޗަކަށް ބަލާއިރުވެސް ރާއްޖޭގެ އެންމެ ދަށް އެއްކަންތައް އެއީ ބްލޮކްކުރުން. މިހުރިހާ ކަމަކަށް ބަލާއިރުގައި އެންމެ ބޮަޑު ޗެލެންޖަކަށް އަޅުގަނޑަށް ފެންނަނީ ކުޅުންތެރިންނާއި ޗެލެންޖް ކުރާނެ ކުޅުންތެރިން ނެތީމައޭ މިހެން ވަނީ" ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

މި މެޗާ އެކު މި ފަހަރުގެ މުބާރާތް ރާއްޖެއަށް ނިމުނުއިރު، މިއީ 16 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޖޯޒީގައި ފެނުނު ފަހު މެޗެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖެ ވަނީ ދުރާލައި ތައްޔާރުވާން ފަށާފައެވެ. އެގޮތުން ވޮލީބޯޅައިގެ ގަދަ ބާރެއްކަމަށްވާ ސަރބިއާގައި 15 ދުވަހު ތަމްރީން ހަދާފައިވާއިރު، އައިއޯއައިޖީގައިވެސް ވަރުގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ. އަދި ސެންޓްރަލް ޒޯނަށް ފުރުމުގެ ކުރިން މާލޭގައި ސްރީ ލަންކާއާއެކު އެކުވެރިކަމުގެ ތިން މެޗު ވަނީ ކުޅެފައެވެ.

ދެން އެންމެ އަވަހަށް ޤައުމީ ވޮލީ ޓީމު ކުޅެން ޖެހޭ މުބާރާތަކަށް އޮންނަނީ އަންނަ ޑިސެމްބަރ މަހު ނޭޕާލްގައި ބާއްވާ ސާފް ގޭމްސްއެވެ.