ސިޔާސީ

ރައްޔިތުންގެ މަޖްލީހުގެ ދިއްގަރު ދާއިރާގެ ބަހުސް ބާއްވައިފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް އިން އިންތިޒާމުކޮށްގެން ބާއްވާ ރައްޔިތުންގެ މަޖްލީހުގެ ދިއްގަރު ދާއިރާގެ ބަހުސް ބާއްވައިފި.ދިއްގަރު ދާއިރާގެ މިބަހުސް ބާއްވާފައިވަނީ މިރޭ ނުވައެއް ޖެހި އިރު ދަރުބާރުގެ ދޮށިމޭނާ މާލާމުގައެވެ.އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގައި ވާދަކުރަނީ، ޕީޕީއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫން، އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ، އަދި އަމިއްލަގޮތުން ވާދަކުރާ މޫސާ އަހުމަދު ނަސީރު އާއި ޝަމީމް އަލީއެވެ.ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް ޕީއެސްއެމުން ހަމަޖެއްސީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ބޭއްވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް ދިއްގަރުދާއިރާގެ ގޮނޑި ހުސްވެފައިވާތީ އަލަށް އިންތިޚާބުކުރެވޭ ކެންޑިޑޭޓެއްގެ ވިސްނުމާއި ދާއިރާއާއިމެދު ގެންގުޅުއްވާ ތަސައްވުރު، ރައްޔިތުންނާއި ހިއްސާކުރުމުގެ ފުރުސަތެއް ތަނަވަސްކޮށްދިނުމުގެގޮތުންނެވެ.މި ބަހުސްގައި ކެންޑިޑޭޓުންގެ ތައާރަފް އަދި އެ ކެންޑިޑޭޓުން ދާއިރާއަށް ކޮށްދެއްވާނެ ހިދުމަތްތަކާއިބެހޭ މައުލޫމާތު ކެންޑިޑޭޓުންވަނީ ހިއްސާކުރައްވާފައެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވެ ފަންސަވީސް އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރުުމުންނެވެ.އިލެކްޝަންސް ކޮމިޝަނުން ވަނީ މިއިންތިޚާބުގައި ވޯޓުލާ ދާއިރާގެ ވޯޓުލާ ލިސްޓު އެދާއިރާތަކުގެ ކައުންސިލް އިދާރާތަކުގަ އާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.