ޚަބަރު

5 ރަށެއްގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އިންޖީނު ފޮނުވައިފި


ރަށްރަށުގެ ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން 5 ރަށަކަށް އިންޖީނު ފޮނުވައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކައިން ފަށްޓަވައިފިއެވެ.

ފެނަކައިން ވިދާޅުވެފައިވަނީ ރަށްރަށަށް އިންޖީނު ފޮނުވަމުންދަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ރަށްތަކަށް، އެއްވެސް ދަތިކަމެއްނެތި ކަރަންޓު ފޯރުކޮށްދިނުމަށްކަމަށެވެ. ފެނަކައިން އިންޖީނު ފޮނުވާފައިވާނީ ގއ.ވިލިނގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއާއި، ލ.ގަމާއި، ތ.ގުރައިދުއަށެވެ.
ލ.ފޮނަދޫގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާ، އަދި މިރަށުގައި އަލަށް ބަހައްޓާ އިންޖީނުން ކަރަންޓު ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނެކަމަށްވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ލ.ގަމާއި ތ.ގުރައިދޫގައިވެސް އިންޖީނު ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. ގއ.ވިލިނގިއްޔާއި، ގދ.ތިނަދޫގައި އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ އިތުރު ބައެއް ސަމާނުތައް އެރަށްތަކަށް ފޮނުވައިގެންކަމަށާ، މި މަސައްކަތް މިހާރުދަނީ ކުރަމުންކަމަށްވެސް ފެނައިން ވިދާޅުވެއެވެ.

ފެނަކައިން ގއ.ވިލިނގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 1 މެގަވޮޓްގެ ޖަނަރެޓަރ ސެޓެވެ. އަދި ލ.ގަމާއި ތ.ގުރައިދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެވެ.

އެ ކުންފުނިންދަނީ ރަށްރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު ފުރަތަމަ ހަމަހު ރަށްތަށުގެ ކަރަންޓުގެ ޙާލަތު ރަނަގަޅުކުރުމަށް 153މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ.

އެކުންފުނިންދަނީ މަރާމާތައް ބޭނުންވާ އިންޖީނުތައް ހެދުމާއި، އަދި އިންޖީނުގެތަކަށްވެސް ބަދަލު ގެނެސް، ރަށުގައި މީހުން ނޫޅޭ ސަރަޙައްދުތަކަށް އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.