ކުޅިވަރު

މިލާން ކުރިކެޓް އެކަޑީމީގެ މެޗު މާދަމާ!


މިލާން ކުރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދާމާ ޚާއްސަ ކުރިކެޓް މެޗެއް ކުޅެން ހަމަޖައްސައިފިއެވެ.

މިޚާއްސަ ކުރިކެޓް މެޗްގައި އެއްކޮޅުން ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ޤައުމީ ޓީމަށް ކުޅެފައިވާ ކްރިކެޓް ކުޅުންތެރިންނެވެ. މިޓީމު ނުކުންނާނީ މިލާން އެކަޑަމީގެ ކުޅުންތެރިންނާ ދެކޮޅަށެވެ. ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިންގެ ތެރޭގައި މުސާ ކަލީމް، އަޙްމަދު ކަލީމް، އިބްރާހީމް ހުސައިން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ މިހާރުގެ ރައީސް މުހައްމަދު އަފުލާޙު، އަބްދުﷲ ޝަފީޢު، އިސްމާޢީލް ނިހާދުފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެެވެ.

ކުޅިވަރު އެކުވެނީގައި ކުޅޭ މިމެޗު ކުޅުމަށް ހަމަޖެހިފަވަނީ 20 އޯވަރަށެވެ. މިމެޗު ޝަރަފްވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިހެވެ. މިމެޗު ބައްލަވާލެއްވުމަށް ނާއިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދުވެސް ވަޑައިގަންނަވާނެއެވެ.

ކްރިކެޓް ކުޅުންތެރިން އުފެއްދުމަށް، އުފެއްދި މިލާން ކްރިކެޓް އެކަޑަމީންވަނީ ކްރިކެޓް ކުޅުންތެރިން އުފެއްދުމުގެ އިތުރުން ރާއްޖޭގައި އެހެން ކުޅިވަރުތަކަށްވެސް އެހީވެފައެވެ. މިލާން ކްރިކެޓް އެކަޑަމީއިންވަނީ ކްރިކެޓްގެ ކުޅުންތެރިންގެ އިތުރުން އިންޓަރ ސްކޫލް ބާސްކެޓް މުބާރާތުގައި ބައިވެރިވި ބައެއް ސްކޫލްތަކުގެ ޖޯޒީއާއި ޤައުމީ ޓޭބަލް ޓެނިސް ޓީމުގެ ޖޯޒީވެސް ސްޕޮންސަރކޮށްފައެވެ. އަދި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެކަޑަމީން އެއްވެސް ކުޅުންތެރިއަކު އަތުން ފީއެއްވެސް ނަގާފައެއް ނުވެއެވެ.

ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އަދި ކުރިކެޓް ބޯޑުގެ ކުރީގެ ނާއިބް ރައީސް ފަރުހަތު ޖަލީލްގެ އިސްވެ ހުންނަވައިގެން މިލާން ކުރިކެޓް އެކަޑަމީ އުފެއްދީ 2009ވަނަ އަހަރުއެެވެ. މިލާން އެކަޑަމީ އަކީ ކުރިކެޓް ކުރިއެރުވުމަށް އެންމެބޮޑު މަސައްކަތެއް ކުރަމުން އަންނަ އެއް އެކެޑަމީއެކެވެ. މިލާން ކުރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ކުޅޭ މެޗު ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.