ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑަށް، ލުކާކޫ ވަރަށް ބޮޑަށް ފާޑުކިޔައިފި


ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ އޭނާ އެންމެ ފަހުން ކުޅުނު ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ދެ ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށް ދާދިފަހުން ލުކާކޫ ބަދަލުވެފައިވަނީ އިޓަލީގެ އިންޓަމިލާނަށެވެ. އޭނާ ބުނީ ޔުނައިޓެޑް ބަލިވުމުން އަބަދުވެސް ގޯސްވާނީ ތިން ކުޅުންތެރިއެއްކަމަށެވެ. އެއީ އޭނާއާއި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާއި ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒްކަމަށެވެ. މީގެ ތެރެއިން ޕޮގްބާގެ ކުރިމަގު ސުވާލު މާކެއްގެ ތެރޭގައި އޮތްއިރު އޭނާ ވިއްކާލަން ޔުނައިޓެޑް ބޭނުމެއްނުވެއެވެ.

ނަމަވެސް ކުޅުންތެރިޔާ ހުރީ ސްޕޭނުގެ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވެފައެވެ. ސަންޗޭޒްވެސް، ކުރިއަށް އޮތް ސީޒަނުގައި ފެނުން ގާތީ އިންޓަމިލާނުންނެވެ. އޭނާ ގަތުމަށް އިންޓައިން ހުށަހެޅި ބިޑް ޔުނައިޓެޑުން ބަލައިގެންފައިވީނަމަވެސް މިހާތަނަށް ގޮތެއް ނުނިންމިފައިވަނީ މުސާރައާ މެދުގައެވެ.

ލުކާކޫ ބުނީ ޔުނައިޓެޑުގައި އަބަދުވެސްއޮތީ ތިން ކުޅުންތެރިން ބަދުނާމުކުރުން ކަމަށާއި އެކަމާބެހޭގޮތުން އެތައް ފަހަރަކު އޭނާ ވާހަކަދައްކައި ހެދި ކަމަށެވެ. ނަމަވެސް އެއީ ބަދަލުނުވި ކަމަކަށްވުމުން އެންމެ ރަނގަޅު ގޮތަކީ ކުލަބު ދޫކޮށްލުންކަމަށް އޭނާ ގަބޫލުކުރިކަމަށެވެ. ލުކާކޫބުނީ އިންޓަމިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާއަށް ބޭނުންވުމުން ކުލަބު ބަދަލުކުރަން ފަސޭހަވިކަމަށެވެ.